ހއ.އުތީމު ކައުންސިލްގެ ފަރާތުން އެރަށު ޣާޒީ ބަންޑާރައިން ސްކޫލްގައި ޢިމާރާތް ކޮއްދިން "ބެލެނިވެރިންގެ ހިޔާ" ރަސްމީކޮށް އެ ސްކޫލާ އިއްޔެ ޙަވާލު ކޮއްފިއެވެ.

އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު "ތިލަދުން" އަށް ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރުމުގެ މައިގަނޑު މަޤްޞަދަކީ، ވާރެއާއި އަވިން، ދަރިވަރުންނާއި ބެލެނިވެރިނަށް ރައްކާތެރިކަން ފޯރުކޮށްދީ، ފަސޭހަކަމާއެކު މަޑުކޮއްލައިގެން ތިބެވޭނެ ތަނެއް ސްކޫލްގެ ގޯތިތެރޭގައި ޤާއިމު ކުރުމެވެ.

Ad
rt

"ތަހުޒީބުވަމުން ދާ މި މުޖުތަމަޢުގައި، ތުއްތު ދަރިން ގޮވައިގެން ސްކޫލަށް ގޮސް ބެލެނިވެރިން މި ތިބެނީ ސައިކަލްމަތީ ނޫނީ، މަގުމަތީ. މިއީ އެ ކުދިންނަށް ވެސް އެންމެ ރައްކާތެރި ގޮތެއް ނޫން." ޢަބްދުﷲ ރަޝީދު އިތުރަށް ވިދާޅުވިއެވެ.

ބޮޑު ޚަރަދެއް ހިނގާދިޔަ، މި ހިޔާ ނިންމަން އަހަރެއްހާ ދުވަސް ހޭދަވިކަމަށާއި، ތަން، ޢިމާރާތްކޮށް ހުރިހާ މަސައްކަތެއް ކުރީ އުތީމު ރައްޔިތުންކަމުގައި ޢަބްދުﷲ ރަޝީދު ފާހަގަ ކުރެއްވިއެވެ. މި ފުރުޞަތުގައި ޣާޒީ ބަންޑާރައިން ސްކޫލަށާއި، އުތީމު ކައުންސިލްގެ އިތުރުން އުތީމުގެ އެންމެހައި ރައްޔިތުންނަށް ކައުންސިލްގެ ނަމުގައި ޝުކުރު ރައްދުކުރެއްވިއެވެ.

މި ހިޔާގައި ދަރިވަރުންނަށް ޚާއްޞަކޮށް ފޮތް ހަރެއް ބަހައްޓައި، ބެލެނިވެރިންނާއި ދަރިވަރުން މަޑުކޮއްލައިގެން ތިބުމަށް ބެންޗް ބަހައްޓާފައި ހުރެއެވެ. އޭގެ އިތުރުން ފަންކާ ހަރުކޮށް، ރޭގަނޑުވެސް ބޭނުން ކުރެވޭ ގޮތަށް ލައިޓު ހަރުކޮއްފައިހުރިކަން ފާހަގަ ކުރެވެއެވެ.

ކުރިއަށް އޮތްތަނުގައި، އެ ތަން އިތުރަށް ތަރައްޤީ ކުރުމަށްޓަކައި، ޓީވީ ހަރުކޮށް ހިތްފަސޭހަ ތަނަކަށް ހެދުމުގެ ވިސްނުން ހުރިކަމަށް ވެސް އެ ކައުންސިލުން މަޢުލޫމާތު ދިނެވެ.

އުތީމު ކައުންސިލްގެ އުއްމީދަކީ ބެލެނިވެރިންގެ ހިޔަލަކީ ބެލެނިވެރިންނާއި ދަރިވަރުންނަށް ބޭނުންތެރި ތަނަކަށް ވެގެން ދިޔުމާއެކު، ހެޔޮ ގޮތުގައި ތަނުގެ ބޭނުން ހިފުމެވެ.