ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ސުންނަތަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފިއެވެ.
"މާތް ނަބިއްޔާ މުޙައްމަދު ﷺ ދެކެ ލޯބިވުން" މި މައުޟޫއަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުތުބާގައި ވަނީ ކައުއިތުރު މާތް ނަބިއްޔާގެ މަތިވެރިކަމާއި އެކަލޭގެފާނު ދެކެ ލޯބިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި، ކީރިތި ރަސޫލާ مُحَمَّدٌ ﷺ ފޮނުއްވުމުގެ ކުރިން މީސްތަކުން ތިބީ ބޮޑުވެގެންވާ ޖާހިލިއްޔަތުކަމެއްގެ ތެރޭގައެވެ. އެގޮތުން ބުދަށާއި، ގަސްގަހާގެއްސަށާއި، އަލިފާނަށާއި، ފެނަށާއި އަދި އިންސާނުންނަށްވެސް މީސްތަކުން އަޅުކަންކުރަމުން ދިޔަކަން ހުތުބާގައި ބަޔާންކުރިއެވެ. އަދި އިންސާނުން ބާޒާރުގައި ގަނެވިއްކުމާއި، އަންހެންދަރިން ދިރިތިއްބައި ވަޅުލުމާއި، ރާބުއިމާއި ޖުވާކުޅުމާއި ރިބާ ހިފުންފަދަ މުންކަރާތްތައް ފެތުރި، އިންސާނިއްޔަތު ދަށު ދަރަޖައަކަށް ވެއްޓިފައިވަނިކޮށް، މުޅި އިންސާނިއްޔަތު ސަލާމަތްކުރެއްވުމަށްޓަކައި މާތް ﷲ ފޮނުއްވި ރަސޫލަކީ މުޙައްމަދު ﷺ ކަމުގައި ހުތުބާގައި ބުނެފަވެއެވެ.
މާތް ނަބިއްޔާ ﷺ އަކީ ތަޤުވާވެރީންގެ އިމާމު ކަމަށާއި، ރަސޫލުކަމާއި ނަބީކަން ޚަތިމުކުރެއްވި ސާހިބާ ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. އަދި އެކަލޭގެފާނަށް އީމާންވުމުގެ މާނައަކީ އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭގެފާނުގެ ސުންނަތަށާއި މަޤާމަށް ޤަދަރުކޮށް އިޙުތިރާމް އަދާކުރުން ކަމަށާއި، އަމިއްލަ ނަފުސާއި މުދަލާއި އަނބިދަރިންނަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވުން ކަމަށްވެސް ހަނދާންކޮށްދިނެވެ. އަދި އެކަލޭގެފާނަށް ކުޑައިމީސް ބަސްބުނެ ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ކަމެއް ކަމަށާއި، އެފަދަ މީހުންނަކީ މާތް ﷲ ގެ ލަޢުނަތާއި ވޭންދެނިވި ޢަޛާބު ލިބޭނޭ ބައެއް ކަމުގައިވެސް ބަޔާންކޮށްފަވެއެވެ.
ހުތުބާގައި ގޮވާލާފައިވަނީ، މާތް ނަބިއްޔާ ﷺ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށެވެ. އަދި އެކަލޭގެފާނަށް ލޯބިކުރުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވެ، އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާ ލިބިގަނެ، ތެދުވެރިކަމާއި ކެތްތެރިކަމާއި ޢަދުލުވެރިކަން ފަދަ ރިވެތި އަޚުލާޤީ މިންގަނޑުތަކުން ޒީނަތްތެރިވުން ކަމުގައި ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!