އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު 3 މީހުން ހޯދުމަށްޓަކައި ކަނޑުމަގުންނާއި ވައިގެމަގުން މުޅި ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލައިފިއެވެ.
މީގެއިތުރުން، އޮޔާ ހިނގައިދާނެ ކަމަށް ބަލައި ވަޔާއި އޮއިވަރުގެ މިސްރާބުން ހުވަދޫ ކަނޑާއި، ހައްދުންމައްޗާއި ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވެސް ވަނީ ބަލާފައެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މި އޮޕަރޭޝަންގައި މޯލްޑިވިއަން އެއަރ ކްރާފްޓްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ2 ޑްރޯންސް ވަނީ ބޭނުންކޮށްފައެވެ. އިންފްރާރެޑް ސެންސަރު އެކުލެވޭ މި ޑްރޯންތަކަކީ ރޭގަނޑު ވެސް ކަނޑުމަތީގައިވާ ތަކެތި ދެނެގަތުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.
މީގެއިތުރުން، އޮސްޓްރޭލިޔާއިން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގައި ހުރި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުމަގުން ބޮޑު ސަރަޙައްދެއް ވަނީ ބަލާފައެވެ. އަދި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އެމެރިކާ ނޭވީގެ ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިއު ޚާއްޞަ ޕީ8 މަތިންދާބޯޓެއް ބޭނުންކޮށްގެން 6,300 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ވަނީ ބަލާފައެވެ.
ދޯނި އަޑިއަށްދިޔަ ވަގުތު ކައިރީގައި ލޭންޑިންގ ކްރާފްޓަކާއި ޕޮލިސް އަދި އެމްއެންޑީއެފްގެ ލޯންޗެއް އޮތުމުން، ދޯނިން ފުންމާލި މީހުން ވަގުތުން ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް، ދޯނި ވަރަށް ކުއްލި ގޮތަކަށް ބަންޑުންޖަހާލައި އަޑިއަށް ގޮސްފައިވަނީ 1,600 މީޓަރަށް ވުރެ ފުން ސަރަޙައްދަކަށް ކަމަށްވުމާއެކު، ސަލާމަތްވި މީހުންގެ މަޢުލޫމާތަށް ބަލާއިރު ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުޞަތު ވަރަށް ކުޑަކަމަށް އެމެއެންޑީއެފުން ބުނެފަވެއެވެ.
''ދޯނި ވަރަށް ކުއްލިގޮތެއްގައި ބަންޑުންޖަހާލައި އަޑިޔަށް ގޮސްފައިވަނީ ހުވަދޫ ފުން ކަނޑުގެ ތެރެއަށެވެ. އެހެންކަމުން، މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުޞަތު ކުޑައެވެ. ހުވަދޫ ކަނޑަށް މި ދޯނި ފެތިފައިވާ ސަރަޙައްދު 1600 މީޓަރަށް ވުރެ ފުންވާނެކަމަށް ބެލެވެއެވެ. މިއީ އިންސާނުންނަށް ޑައިވިންގ ކޮށްގެންދެވޭ ފުންމިނެއް ނޫނެވެ. އަދި މިއީ ބޭރު ޤައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫނެވެ.'' އެމްއެންޑީއެފުން މިއަދު ބުނެފަވެއެވެ.
މި ހާދިސާއަށް 11 ދުވަސް ވެފައިވާއިރު، ގެއްލުނު 3 މީހުން ހޯދުމަށް 16 އޮގަސްޓް 2026 ގެ ނިޔަލަށް ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލު އަދި ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާ ފާސްކޮށްފައެވެ.
މިހާދިސާގައި ގެއްލިފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސާޖެންޓް އަލީ ނާފިއު އާއި ދޯނީގެ ކެޕްޓަން ތ. މަޑިފުށި ދޮންވެލި، މުހައްމަދު ހަމްދޫނާއި އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓް އިބްރާހިމް އަހުމަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!