ހއ. އުތީމު ކައުންސިލުން އެރަށުގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ''މުތީ ޕާކު'' ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ.

އުތީމު ކައުންސިލް ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ މުތީ ޕާކަކީ، އުތީމުގައި މި ވަގުތު ކުޑަކުދިންގެ ޕާކެއް ޤާއިމު ކުރެވިފައި ނެތުމާއެކު، ކުޑަކުދިންނާއި އާންމުގެ ހުރި ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދިނުމަށްޓަކައި ކައުންސިލުން އިސްނަގައިގެން ތަރައްޤީ ކޮއްފައިވާ ޕާކެއް ކަމަށެވެ.

Ad
rt

ކައުންސިލުން ޚަރަދުކޮއްގެން ޤާއިމު ކުރި މި ޕާކަށް ބޭނުންވާ ސާމާނު ހޯދުމާއި، ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ ކައުންސިލާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެންކަމަށް ވެސް ޢަބުދުﷲ ރަޝީދު ވިދާޅުވެފަވެއެވެ.

މި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒެވެ. އަދި ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.

އުތީމު ބޯޅަދަނޑާ އިންވެގެން އޮތް ހުސްބިމުގައި ތަރައްޤީ ކޮއްފައިވާ މުތީ ޕާކު މިއަދު ރަސްމީކޮށް ހުޅުވި ނަމަވެސް، ޕާކު އިތުރަށް ފުރިހަމަކުރުމުގެ ވިސްނުން ކައުންސިލުން ގެންގުޅުއްވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އިތުރު ވަސީލަތްތައް ޕާކުގައި ޤާއިމުކުރެވިގެން ދާނެކަމަށް ރަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

މި ޕާކުގައި ސީސޯއާއި، އުނދޯލީގެ އިތުރުން ބޯޅަ ކުޅޭނެ ސަރަޙައްދެއް ވަނީ ޤާއިމުކޮށްފައެވެ. އަދި މަޑުކޮށްލައިގެން ތިބެވޭނެހެން ޕާކުގެ އެކި ތަންތަނުގައި ބެންޗުތައް ބަހައްޓާފައި ހުރި އިރު، ޕާކުތެރޭގައި ފަސޭހައިން ހިނގާބިނގާވެ އުޅުމަށް ޚާއްސަ ވޯކްވޭތަކެއްވެސް ހަދާފައި ވެއެވެ. މި ޕާކު ރޭގަނޑު ވެސް ބޭނުން ކުރެވޭ ގޮތަށް ޕާކުގެ އެކި ސަރަޙައްދުތަކުގައި ލައިޓު ހަރުކޮއްފައި ހުރިކަން ފާހަގަ ކުރެވެއެވެ. މިއީ އެކި އުމުރުފުރާގެ ކުދިން ގަޔާވާނެ ފަދަ ކުޅިވަރުގެ އެކި ވަޞީލަތްތައް ޤާއިމް ކޮއްފައިވާ ޕާކެކެވެ.

މުތީ ޕާކުގެ އިތުރުން، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ހުޅުވުމާއި، ކަނދުވަލު މިސްކިތް ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދު ކިޔައިދޭ ވާހަކަ ވައު ވެސް ވަނީ އުތީމުގައި ހުޅުވައިފައެވެ.