ށ. ކަނޑިތީމު ކައުންސިލްގެ ކުޅިވަރު ފެސްޓިވަލްގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ޖުމްލަ ބޯނަސްގެ ގޮތުގައި 35،000 ރުފިޔާ ދޭ ގޮތަށް ހަމަޖައްސައި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.
ކަނޑިތީމު ކައުންސިލުން ވަނީ މި މުބާރާތުގައި ޓީމްތައް ހޯދާ ކުރިއެރުމުގެ މައްޗަށް ބޯނަސް ލިބޭނެ އުސޫލެއް ތަޢާރަފްކޮށްފައެވެ. މިގޮތުން ޗެމްޕިއަނުންނަށް ބޯނަސްގެ ގޮތުގައި ޖުމްލަ 35،000 ރުފިޔާ ލިބޭއިރު، ރަނަރަޕް ޓީމަށް 17500 ރުފިޔާގެ ބޯނަސް އާއި، ސެމީ ފައިނަލުން ބަލިވި ޓީމަށް 7،500 ރުފިޔާގެ ބޯނަސް ދިނުމަށް ކަނޑިތީމު ކައުންސިލުންވަނީ ކަނޑައަޅާފައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށާޢި ރަނަރަޕް ޓީމްގެ އިތުރުން ސެމީ ފައިނަލުން ބަލިވާ ޓީމަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ ތަފްޞީލީ ބަޔާންވެސް އެ ކައުންސިލުންވަނީ މިހާރު އާންމުކޮށްފައެވެ.
އެއީ:
މުބާރާތް ފުރިހަމަ ކުރުމުން ބޯނަސްގެ ގޮތުގައި، 2500.00 ރުފިޔާ
ސެމީ ފައިނަލަށް ދަތުރު ކުރުމުން ބޯނަސް 5000.00 ރުފިޔާ
ފައިނަލަށް ދަތުރު ކުރުމުގެ ބޯނަސް 10000.00 ރުފިޔާ
މުބާރާތުގެ ޗެމްޕިއަން ބޯނަސް: 17500.00 ރުފިޔާ
ސެމީ ފައިނަލަށް ދަތުރު ކުރުމުގެ ބޯނަސް 5000.00 ރުފިޔާ.
މީގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއް ކުޅެ، ފުރިހަމަ ކުރުމުން ކައުންސިލްގެ ފަރާތުން، މުބާރާތުގެ ކޮންމެ ޓީމަކަށް ވެސް " ޕާޓިސިޕޭޝަން ބޯނަސް" ގެ ގޮތުގައި 2500.00 ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ.
ނަމަވެސް ފައިސާގެ އިނާމުތައް ދޫކުރެވޭނީ މުބާރާތް ހިންގާ ޤަވާޢިދާ އެއްގޮތަށް މެޗުތައް ކުޅެ، ފުރިހަމަކުރުމުންކަމަށާއި، އެއްވެސް މެޗަކަށް ހާޒިރު ނުވެއްޖެނަމަ އެ ޓީމަކަށް ލިބެން ޖެހޭ ފައިސާގެ އިނާމް ނުލިބޭނެކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.
ކަނޑިތީމުގެ ރައްޔިތުންގެ މެދުގައި ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފައްދައި ޢިޖްތިމާޢީ ގުޅުން ބަދަހި ކުރުމަކީ މި ފެސްޓިވަލް ބޭއްވުމުގެ މައިގަނޑު އަމާޒުކަމުގައި އެ ކައުންސިލުން ބުނެއެވެ.
އޭގެ އިތުރުން ކަނޑިތީމު ކައުންސިލުން ހާމަ ކުރާ ގޮތުގައި، ރަށާއި އަތޮޅު އަދި ޤައުމީ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ވާދަ ކުރެވޭނެ ފަދަ ހުނަރުވެރި، އަޚްލާޤް ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދުމާއި މިފަދަ މުބާރާތްތަކުން ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއަށް ދިރުން ލިބުމަކީ އެ ކައުންސިލްގެ މަޤްޞަދެވެ.
މި މުބާރާތުގައި ރަޖިސްޓްރީ ވުމުގެ މުއްދަތަކީ 16 އޯގަސްޓް 2026 އިން ފެށިގެން 25 އޯގަސްޓް 2026ގެ ނިޔަލަށްކަމަށް އެ ކައުންސިލުން ކޮއްފައިވާ އިޢުލާނުގައި ބުނެއެވެ. އަދި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އެ އިޢުލާނުގައިވާ ގޫގުލްފޯމް ފުރައި، ރަޖިސްޓްރީވުމަށް އެ ކައުންސިލުން އިލްތިމާސް ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!