އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަސައްކަތްތަކަށް ރައްޔިތުން ކުރާ ތާއީދު އެމަނިކުފާނުގެ ރިޔާސީ ދައުރުގެ އެންމެ ދަށް މިންވަރަށް ވެއްޓި، ބޮޑު ލަދަކާއި ކުރިމަތިވެވަޑައިގެންފިއެވެ.
ޓްރަމްޕްގެ ތާއީދު ބޮޑުތަނުން ދަށަށް ގޮސްފައިވާކަން ހާމަވީ ރޮއިޓާސް/އިޕްސޮސް އިން ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓަކުންނެވެ. މި ދިރާސާއިން ދައްކާ ގޮތުގައި އެމެރިކާގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމަށް ބަލައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސް ހޯމަ ދުވަހު ނިންމާލި މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ޓްރަމްޕްގެ ވެރިކަމަށް ތާއީދުކުރަނީ އެންމެ %33 މީހުންނެވެ. އަދި %64 މީހުން ވަނީ ޓްރަމްޕްގެ މަސައްކަތްތަކާމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެފައެވެ. މިއީ މި މަހުގެ ކުރީކޮޅު %35 ގައި ހުރި މިންވަރަށް ވުރެ ދަށް އަދަދެކެވެ. މިއާއެކު، ޓްރަމްޕްގެ ތާއީދު މިހާރު މިވަނީ އެމަނިކުފާނުގެ ފުރަތަމަ ދައުރުގައި 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރެކޯޑުކުރެވުނު އެންމެ ދަށް މިންވަރާ އެއްވަރުވެފައެވެ.
އިސްރާއީލާ ގުޅިގެން އީރާނަށް ހަމަލާދިނުމަށް ޓްރަމްޕް ދެއްވި އަމުރާ ގުޅިގެން ފެށުނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބަޔަށް ވަނީ ބުރޫއަރާފައެވެ. މީގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، އެމެރިކާގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ކުރިއަށް އޮތް މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ އަޣުލަބިއްޔަތު ދިފާއުކުރަން މަސައްކަތްކުރާ ރިޕަބްލިކަން ޕާޓީއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެމެރިކާގެ %80 މީހުން ގަބޫލުކުރާ ގޮތުގައި މި ހަނގުރާމަ ދިގު މުއްދަތަކަށް ދެމިގެންދާނެއެވެ.
"ނުބައި ގައުމަކަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދިނުމަށްޓަކައި، ތެލަށް ކުޑަ މިންވަރެއް އިތުރަށް ހޭދަކުރަން ޖެހުމަކީ އެކަމުގެ އަގު" ތެލުގެ އަގު ބޮޑުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ނިއުޔޯކްގެ ގާޑަން ސިޓީގައި ވިދާޅުވެފަވެއެވެ.
ނަމަވެސް، މި ހަނގުރާމައަކީ ކުރަން ރަނގަޅު ކަމެއްގެ ގޮތުގައި ދެކެނީ އެމެރިކާގެ ކޮންމެ ފަސް މީހަކުން އެކަކެވެ.
މި ހާލަތާ ގުޅިގެން އިގްތިސާދީ ކަންކަން ބެލެހެއްޓުމުގައި ރިޕަބްލިކަން ޕާޓީއަށް ވުރެ ޑިމޮކްރެޓުން މާ ރަނގަޅު ކަމަށް ވޯޓުލާ މީހުން ގަބޫލުކުރަން ފަށާފައިވާ ކަމަށްވެސް ޕޯލްއިން ދައްކައެވެ. މިގޮތުން އިގްތިސާދު ހިންގުމުގައި ޑިމޮކްރެޓުންނަށް އިތުބާރުކުރާ ކަމަށް %38 މީހުން ބުނެފައިވާއިރު، ރިޕަބްލިކަން ޕާޓީއަށް އިތުބާރުކުރަނީ %35 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!