ވިޔަފާރި ފުޅާ ކުރެވޭނެ ގިނަ، ފަހި ފުރުޞަތުތަކެއް ބީއެމްއެލްގައި ހުރިކަމަށާއި، ގޭގައި ތިބެގެން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކަމާއެކު ވިޔަފާރި ފެށުމަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮއްދޭކަމަށް ފުނަދޫ އތމ ކޮމެޓީއިން ބުނެފިއެވެ.

ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ސޭލްސް އެންޑް އެޑްވައިޒަރީ ސެންޓަރ ގުޅިގެން ކުރިއަށް ގެންދިޔަ "އތމ ކޮމެޓީ ވިޔަފާރި ފޯރަމް 2026 "ގެ ސެޝަންތައް އިއްޔެ ވަނީ ނިންމާލައިފައެވެ.

Ad
rt

މި ފޯރަމް ބޭއްވީ ހަ ސެޝަނަކަށް ބަހާލައިގެން ކަމަށް ށ. ފުނަދޫ އތމ ކޮމެޓީއިން މަޢުލޫމާތު ދިނެވެ.

އެ ގޮތުން:

  • ސްކޭމިންއާ ބެހޭ ސެޝަން: މި ސެޝަން ނަންގަވައިދެއްވީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން، އެންޓި-ސްކޭމް ސެންޓަރ އިން ޕޮލިސް ސަބް އިންސްޕެކްޓަރ މުޙައްމަދު ސަލީމް (S.N: 2239)
  • އެސްއެމްއީ ޑިޖިޓަލްއާ ބެހޭ ސެޝަން: ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބޭ ފައިނޭންސިންގް ފުރިހަމަ ފުރުޞަތުތަކާއި ފައިނޭންސިން އިޚްތިޔާރުތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮއްދެވިފައިވޭ.
  • ބީއެމްއެލް: ބީއެމްއެލްގެ ސްވައިޕް ސާރވިސްއާ ބެހޭ މަޢުލޫމާތު ސެޝަން. ސްވައިޕް އޮންބޯޑު ވާނެ ގޮތާއި، ސްވައިޕްގެ ފައިދާތަކާއި ފަސޭހަކަމާއި އަދި ބޭނުން ކުރާނެ ގޮތުގެ މައުލޫމާތު ވަނީ ބައިވެރިންނަށް ފޯރުކޮއްދީފައި.
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދެއްވާ އިސްލާމީ ފައިނޭންސިން ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު. މި ސެޝަން ނަންގަވައިދެއްވީ ބީއެމްއެލްގެ ބިޒްނަސް ޑިވިޜަންގެ މުވައްޒަފުން.
  • ފުޑް ހައިޖީންއާ ބެހޭ ސެޝަން: ށ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ނަންގަވައިދެއްވީ
  • ވިޔަފާރީގެ ޤާނޫނުތަކާއި، މިންގަނޑުތަކާއި ބެހޭ ސެޝަން : ނަންގަވައިދެއްވީ ފުނަދޫ ފެސިލިޓޭޝަން ސެންޓަރ ( ޓެކްސޭޝަން )

މީގެ އިތުރުން ކޮންމެ ސެޝަނަކަށްފަހު ބައިވެރިންނަށް ސުވާލު ކުރުމުގެ ފުރުޞަތު ވެސް ލިބޭ ކަމަށް އތމ ކޮމެޓީއިން ހާމަކުރެއެވެ.

" ވިޔަފާރި ފުޅާކުރުމަށްޓަކައި ކޮންމެހެން ވަޒީފާއެއްގައި އުޅޭކަށް ނުޖެހޭނެ. ވިޔަފާރި ފުޅާ ކުރެވޭނެ ބައިވަރު ފަހި ފުރުޞަތުތަކެއް ބީއެމްއެލްގައި އެބަހުރި." ށ. ފުނަދޫ އތމ ކޮމެޓީގެ ނައިބް ރައީސާ އާމިނަތު ނަޖްމާ " ތިލަދުން " އަށް ވިދާޅުވިއެވެ.

ވިޔަފާރިއެއް ފެށުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށާއި، ގޭގައި ތިބެގެން އާމްދަނީ ހޯދާ ފަރާތްތަކަށް މި ފޯރަމަކީ ވަރަށް ފައިދާ ކުރަނިވި ފޯރަމަކަށް ވާނެކަމަށް ވެސް ނަޖްމާ މައުލޫމާތު ދެއްވިއެވެ.

" ވިޔަފާރިއެއް ފަށަން ބޭނުންވެފައި ނުވަތަ އެ ޝައުޤުވެރިކަން ހުރެ، ދާނެ މިސްރާބެއް، ހަދާނެ ގޮތެއް ނޭނގިގެން އުޅޭކަށް ނުޖެހޭނެ މިހާރަކު. މި ފޯރަމްގެ ބައިވެރިންނަށް ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ބީއެމްއެލްއިން ވަނީ ފޯރު ކޮއްދީފައި." ނަޖްމާ އިތުރަށް ވިދާޅުވިއެވެ.

މިފޯރަމް ބޭއްވީ ޞަރަޙައްދީ ހުރިހާ ރަށްރަށަކަށް އަމާޒުކޮށްގެން ކަމަށާއި، މޫސުން ގޯސްވެގެން ދަތުރުފަތުރު ނުކުރެވުމުގެ ސަބަބުން ފޯރަމްގައި ބައިވެރިވެވުނީ ހަމައެކަނި ރަށު ރައްޔިތުންނަށްކަމަށް އތމ ކޮމެޓީއިން މަޢުލޫމާތު ދެއްވިއެވެ. ފުނަދޫއިން ވަނީ މި ފޯރަމަށް ބޮޑު ތަރުޚީބެއް ލިބިފައިކަމަށް ވެސް އެ ފަރާތުން ފާހަގަ ކުރެއްވިއެވެ.