ށ. ޅައިމަގުގައި ހަމައެކަނި ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ "ޖެންޑާ އެކްޝަން ލާނިން ސިސްޓަމް ޓްރެއިނިން ޕްރޮގްރާމް" ފަށައިފިއެވެ.
ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް މަގުފަހި ކުރުމަށް މަޢުލޫމާތު ހޯދައިދިނުމާއި، ވިޔަފާރި ކުރުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، މުޖުތަމަޢު ބާރުވެރި ކުރުވައި، މިންތީގެ ހަމަހަމަކަން ޤާއިމް ކުރުމުގެ މައްޗަށް ބިނާ ކޮއްފައިވާ މި ޕްރޮގްރާމްގައި ޖުމްލަ 25 ބައިވެރިން ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމްގައި ކުރިއަށް ގެންދަނީ ދުވާލަކު އެއް ސެޝަންކަމަށާޢި، ކޮންމެ ސެޝަނެއްގައި ކުރިއަށް ގެންދަނީ ކޮންމެވެސް އެއް މައުޟޫއަކަށް ކަމުގައި ޅައިމަގު ޑަބްލިޔުޑީސީގެ ރައީސާ ރުޤިއްޔާ ޝާނާ ''ތިލަދުން'' އަށް މަޢުލޫމާތު ދެއްވިއެވެ.
"މިއީ އަންހެނުން ބާރުވެރި ކުރުވުމާއި، އަމިއްލަ ފަރުދުންނަށް މުޖުތަމަޢުގައި ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ލިބި، އަދި ކުދި ވިޔަފާރި ކުރިއެރުވުމަށްޓަކައި މުޙިއްމު މަޢުލޫމާތުތަކެއް ލިބިގެންދާނެ ޕްރޮގްރާމެއް." ޝާނާ އިތުރަށް ވިދާޅުވިއެވެ.
އިއްޔެ ފަށާފައިވާ މި ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.
މި ޕްރޮގްރާމް އިންތިޒާމްކޮއްފައިވަނީ ށ. ޅައިމަގުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ށ.ޅައިމަގު ކައުންސިލް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް ރިސޯސަސް ގުޅިގެންނެވެ.
މި ޕްރޮގްރާމްގައި ފެސިލިޓޭޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް ރިސޯސަސް ގެ ފަރާތުން މުޙައްމަދު އިބްރާހީމްއާއި އާމިނަތު މަނާލްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!