ހއ. ބާރަށުގައި އުފެދޭ ކުނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި، އެ ރަށުގެ ކުނި މެނޭޖުކުރުމުގެ މުޅި މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ވެމްކޯއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ބާރަށުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ޝިނާންއެވެ. އަދި ބާރަށު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ޢަލީ ޝަމީމެވެ.
މި ރަސްމިއްޔާތަށްފަހު ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ޝިނާން ވިދާޅުވީ، މި އެއްބަސްވުމަކީ ބާރަށުގައި ކުރިއަށް އޮތްތަނުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ފެށުމުގެ އެންމެ ފުރަތަމަ އެއް މަރުހަލާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ރަށްތަކުގައި ކުނި ރަނގަޅު ގޮތުގައި މެނޭޖުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ބާރަށުގައި ކުނި މެނޭޖުކުރުމުގެ ކަންތައްތައް ކައުންސިލާ ގުޅިގެން ރާވައިގެން ކުރިއަށް ގެންދާނެ ކަމަށާއި، މީގެ ސަބަބުން އެ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ކުރިއަށް އޮތްތަނުގައި ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ބާރަށު ކައުންސިލުގެ ރައީސް ޢަލީ ޝަމީމް ވިދާޅުވީ، މީގެކުރިން އެ ރަށުގައި ކުނި މެނޭޖުކުރުމަކީ ކައުންސިލަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އެންމެ އެކަށޭނަ ވަސީލަތްތަކާއި ބަޖެޓު ނެތުމުގެ ސަބަބުން އެކަން ކުރުމަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް، ކުނި މެނޭޖްކުރުން ވެމްކޯއާ ހަވާލުވެގެން ދިއުމަކީ ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަސްޓެއިނަބަލް ގޮތެއްގައި މިކަން އެންމެ ރަނގަޅަށް ކުރެވޭނެ ބަޔަކީވެސް އަޅުގަނޑު ޤަބޫލުކުރަނީ ވެމްކޯކަމަށް،" ޝަމީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ވެމްކޯ އިން މުޅި ރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ބެލެހެއްޓުމާއި ހުރިހާ ގެއެއްގައި އުފެދޭ ކުނި ނައްތާލުމުގެ މަސައްކަތްވެސް ކުރާނީ އެ ކުންފުނިންނެވެ. މިއީ ރަށަށް މިވަގުތު ވަރަށް ބޭނުންވެފައި އޮތް މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!