ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިއަދު އުތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދެވި މިބައްދަލުވުން އޮތީ އުތީމު ކައުންސިލް އިދާރާގައެވެ. މިއަދު މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަށްވާފައެވެ.

Ad
rt

ބާރަށު ދާއިރާގެ މެމްބަރު އިބްރާޙީމް ޝުޖާއު ވެސް ބައިވެރިވެވަޑައިގެން މި ބައްދަލުކުރެއްވުމުގައި އުތީމު ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ހުރި ބައެއް މުހިންމު މަޝްރޫޢުތަކުގެ ތަފްޞީލު ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ބަނދަރާއި ބަންޑާރަ މިސްކިތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށިގެން ދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ސްޓޭޓް ހައުސްގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ މަޢުލޫމާތު އޮޅުންފިލުއްވައި، ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ އިތުރުން ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

އިޖުތިމާޢީ ދާއިރާއިން ހުރި ދަތިތަކަށް އަލިއަޅުއްވާލައްވަމުން، ރަށުގެ ޞިއްޙީ މަރުކަޒުގައި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، މުވައްޒަފުންގެ ދަތިކަން އޮތް މިންވަރު ކައުންސިލުން ރައީސްގެ ސަމާލުކަމަށް ގެންނެވިއެވެ. މިއީ ރަށުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ދިމާވާ އެންމެ ބޮޑު އެއް ދަތިކަން ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކައުންސިލުން ހުށަހެޅުއްވި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެ ކަންކަން ބައްލަވާނެ ކަމަށެވެ. އަދި ޖުމްލަ ގޮތެއްގައި ރަށުގެ ތަރައްޤީއަށް ހުރި ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ، އުތީމުގައި މިހާރު ކުރިއަށްދާ އަދި ކުރިއަށް ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.