މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު ހއ. އުތީމަށް މިއަދު ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދާއި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު އާއި އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދުގެ އިތުރުން ދައުލަތުގެ ވެރިންނެވެ.
ރައީސް އަށް މަރުޙަބާ ދެންނެވުމުގައި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި، އުއްތަމަފަނޑިޔާރު އަބުދުލްޣަނީ މުޙައްމަދާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ ވެސް ބައިވެރިވެވަޑައިގަތެވެ.
މިއަހަރުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދޭނީ ތީމުގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ ފެށޭނީ ހެނދުނު 10:00 ގައެވެ.
މި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި މި އިނާމްތައް ދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ހަތް ބޭފުޅަކަށާއި، އެއް ކުންފުންޏަކަށެވެ.
މީގެއިތުރުން، ޚިދުމަތުގެ ޤައުމީ އިނާމު، އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށް ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!