ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑު މެދުވެރިކޮށް މި އަހަރު ހިލޭ އެހީ ލިބޭ ފަސް މަޝްރޫޢުގެ ތެރޭގައި ހއ. ދިއްދޫ ކުރިމަގު ޖަމްޢިއްޔާއާއި، ށ. ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީގެ އިތުރުން ށ. ކަނޑިތީމު ބްލޫ ގިލްޑް ފައުންޑޭޝަނުން ހުށަހެޅި މަޝްރޫޢުތައް ހިމެނިއްޖެއެވެ.
ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ފަންޑުން މިއަހަރު އެހީ ލިބޭ މަޝްރޫޢުތައް ބުރާސްފަތި ދުވަހު އިޢުލާންކޮށްފައެވެ.
ބީއެމްއެލް ފަންޑުގެ އެހީގައި ދިއްދޫ ކުރިމަގު ޖަމްޢިއްޔާއިން ހއ. ދިއްދޫގައި 'ހައިވް' ގެ ނަމުގައި ޑިޖިޓަލް ވަސީލަތްތަކާއެކު މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ޚާއްޞަ މަރުކަޒެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޑިޖިޓަލް ތަޢުލީމާއި، އައު އީޖާދުތަކާއި، އިޖުތިމާޢީ އެކި ހަރަކާތްތަކަށް ޚާއްޞަ މަރުކަޒެކެވެ. މީގެ އިތުރުން، ޔުނިޓީ ސްޕޯޓްސް އެކަޑަމީގެ މާޝްރޫޢުގެ ދަށުން ށ. ފުނަދޫގައި އޮންނަ ރީތި ފެނުގެ ކުޅިއެއް ކަމަށްވާ މާމުލި ކުޅި އާލާކޮށް، އެ ސަރަޙައްދުގައި 'މާމުލި އިކޯ ޕާކް' ތަރައްޤީކުރާނެއެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި މުޖުތަމަޢުގެ އެކި ބޭނުންތަކަށް ފަރުމާކުރެވޭ ތަނެކެވެ.
މި ފަންޑުގެ އެހީގައި ކަނޑިތީމު ބްލޫ ގިލްޑް ފައުންޑޭޝަނުން ކުރިއަށްގެންދަނީ ށ. އަތޮޅު ސްކޫލްގައި ދަރިވަރުންގެ ހުނަރު ތަރައްޤީކުރުމަށް 'މޭކަރ ސްޕޭސް' އެއް ގާއިމުކުރުމުގެ މަޝްރޫޢެކެވެ. މިއީ ދަރިވަރުންގެ އުފެއްދުންތެރިކަމާއި ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި ފަސް މަޝްރޫޢުގެ ތެރޭގައި ހިމެނޭ އަނެއް ދެ މަޝްރޫޢަކީ ކަލައިދޫ ވިންގްސްއިން ލ. ކަލައިދޫ ބަނދަރުގައި 'ކަލައިދޫ ވިންގްސް ހިޔާ' ތަރައްގީކުރުމުގެ މަޝްރޫޢާއި، ލާމު ފާމާސް އެސޯސިއޭޝަނުން ލ. ފޮނަދޫ އަދި ލ. ގަމުގައި 'ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިންގ ހަބް' ގާއިމުކުރުމުގެ މަޝްރޫޢެވެ. ކަލައިދޫގައި ހަދާ ހިޔާގައި ފެރީއަށް މަޑުކޮށްލައިގެން ތިބެވޭނެ ޖާގައަކާއި ފާޚާނާއާއި ކުޑަ ލައިބްރަރީއެއްގެ އިތުރުން ޑިޖިޓަލް ނޯޓިސް ބޯޑެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލާމު ފާމާސް އެސޯސިއޭޝަންގެ މަޝްރޫޢަކީ ދަނޑުވެރިންނަށް އެހީތެރިވުމަށާއި، ލިބޭ މަންފާ އިތުރުކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރަށް މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެގެން ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ މަޝްރޫޢެކެވެ.
ބީއެމްއެލްގެ ފަންޑުން އެހީ ދޭނެ މަޝްރޫއުތައް ހޮވަނީ ކޮންމެ އަހަރަކު ވެސް އެ ބެންކަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިންނެވެ. އޭގެތެރެއިން، ފަސް މަޝްރޫއެއް ހޮވައި، ކޮންމެ މަޝްރޫއަކަށް ދެ ލައްކަ ރުފިޔާ އެ ބެންކުން ދެއެވެ.
ބޭންކް ފަންޑަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ މަގުޞަދުގައި ބީއެމްއެލްއިން ހިންގާ ހިލޭ އެހީގެ ފަންޑެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!