ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ދެވަނަ ސަރުކާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް މަޝްވަރާތައް ފައްޓަވާފައިވާކަމުގެ ރިޕޯޓާއެކު، އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުޙައްމަދު ނަޝީދު ''ނަނާ ހުވަފެން'' ޅެން މީސް މީޑިއާއަށް ދޫކޮށްލައިފިއެވެ.

ރިޔަސީ ޓިކެޓަށް ވާދަކުރެއްވުމަށް އިބޫ ފުޅާދާއިރާއެއްގައި މަޝްވަރާކުރަށްވަމުންގެންދަވާކަމަށް އަޑުތައް ފެތުރުނީ މިއަދުއެވެ. އިބޫ ފެކްޝަންގެ ބައެއް ބޭފުޅުންއެކަން ކަށަވަރުވެސް ކޮށްދެއްވައެވެ.

Ad
rt

އިބޫގެ މި ނިންމެވުމުގެ އަޑު ފެތުރުމާއެކު ނަޝީދު ވަނީ މީސް މީޑިއާގައި ''ނަނާ ހުވަފެން ދުށީމޭ'' ޅެން ލިޔުއްވައި ޕޯސްޓްކުރަށްވާފައެވެ. އިތުރު އެއްޗެއް ވިދާޅުވެފައެއްނުވެއެވެ. ނަމަވެސް އިބޫގެ މި ނިންމެވުމާއި ނަޝީދުގެ ޕޯސްޓް ގުޅުވާލެވޭ ސަބަބަކީ މިދިޔަ ރިޔާސީ އިންތިޚާބުން ފެށިގެން ދެ ބޭފުޅުންގެ ދެމެދުގައި އޮތް ނުތަނަވަސްކަމެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެއްލި އިބޫއަށް ދެވަނަ ދައުރެއް ނުލިބުނީ ނަޝީދާއި އެމަނިކުފާނުގެ ބައިވެރިން އެމްޑީޕީދޫކޮށް ޑިމޮކްރެޓިކް ކިޔާ ޕާޓީއެއް އުފައްދަވައި އެމްޑީޕީއާއި ފެޔަށް ޖެހިވަޑައިގަތުމުންކަމަށް އިބޫގެ ސަޕޯޓަރުން ދެކެއެވެ. ނަޝީދުގެ ސަޕޯޓަރުން ބުނެފައިވާގޮތުގައި ނަޝީދު އެގޮތަށް ހެއްދެވީ އިބޫ ނަޝީދާމެދު ''އިހާނެތިކޮށް'' ކަންކަން ކުރެއްވުމުންނެވެ.

ނަޝީދު އަނބުރާ އެމްޑީޕީއަށް ވަޑައިގަތީ ރިޔާސީ ޓިކެޓަށް ވާދަކުރަން ޢިއުލާންކުރަށްވާފައިވާ އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއެކުއެވެ. އަދި އެ ދެބޭފުޅުން ގެންދަވަނީ ''ބޮޑުބަދަލު'' ނަމުގައި މަސައްކަތްތަކެއްކުރަށްވަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ފަހުގެ ޕްރައިމަރީގައި ނަޝީދު ވާދަކުރެއްވިނަމަވެސް އިބޫ ތާއީދެއް ނުދެއްވައެވެ. އިބޫ ތާއީދު ކުރެއްވީ އަނެއް ކެންޑިޑޭޓް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމަށެވެ. އެ އިންތިޚާބުގައި ނަޝީދު ވަނީ ބޮޑު މޮޅެއް ހޯއްދަވާފައެވެ.