އިރާގުގެ ބިމާއި ވައިގެ ސަރަހައްދު އަވައްޓެރި އެއްވެސް ގައުމަކަށް ހަމަލާދިނުމުގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު އަލީ އަލްޒައިދީ ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު އަލްޒައިދީ މިހެން ވިދާޅުވީ އިރާގުގެ އެއާ ډިފެންސް ކޮމާންޑް އޮޕަރޭޝަންސް ސެންޓަރަށް ކުރެއްވި ޒިއާރަތެއްގައެވެ.
އިރާގުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު އަލްޒައިދީ ވަނީ އިރާގުގެ ސިޔާދަތާއި ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެއްވެސް ފަރާތަކުން ނުވަތަ ޖަމާއަތަކުން އިރާގުގެ ސަރަހައްދު ބޭނުންކޮށްގެން ހުއްދައެއް ނެތި ކުރިއަށްދިޔުމާއި، ސެކިއުރިޓީއަށް ހުރަސްއެޅޭ ފަދަ އެއްވެސް އަމަލެއް ހިންގުން ބަލައިނުގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަޔާނަކީ ސަރަހައްދީ ނުވަތަ ބައިނަލްއަގުވާމީ ހަނގުރާމަތަކުގެ ތެރެއަށް އިރާގު ވަދެގެންދިޔުން ހުއްޓުވުމަށާއި، ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތެއް ހިފެހެއްޓުމަށް ބަޣްދާދުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މީގެއިތުރުން، އެކި ޖަމާއަތްތަކުގެ އަތްދަށުގައިވާ ހަތިޔާރުތައް ދައުލަތުގެ ބާރުގެ ދަށަށް ގެނައުމާއި، ގާނޫނީ އިމުގެ ބޭރުން ހަރަކާތްތެރިވާ ހަތިޔާރުއެޅި ގްރޫޕްތައް އުވާލުމަށް ބޮޑުވަޒީރު އަލްޒައިދީ ގެންގުޅުއްވާ ސެކިއުރިޓީ ސިޔާސަތަށްވެސް މި ނިންމުމުން ބާރުލިބިގެންދެއެވެ.
ފާހަގަކޮށްލެވޭކަަމަކީ އިރާގަކީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައި ހުންނަ ގައުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!