ޑޮލަރާއި ގުޅުވައިގެން ''ދޮގު ވާހަކަތައް ދެއްކުމުން'' މާކެޓްގައި ނުތަނަވަސްކަން އުފައްދައި، ބްލެކް މާކެޓަށް އިތުރަށް ހިތްވަރުލިބި ވިޔަފާރިވެރިންނަށާއި ރާއްޖޭގެ އިގްތިސޯދަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށް އިގްތިސޯދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާއަށް ދޫކޮށްލެއްވި ވީޑިއޯ މެސެޖެއްގައި ސައީދު ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ޑޮލަރާއި ގުޅުވައި ދޮގު ވާހަކަތައް ދައްކަމުން އަންނަކަމަށެވެ. އަދި އެވާހަކަތައް ދައްކާ މައިގަނޑު މަގްސަދަކީ މުޒާހަރާއަށް މީހުން ޖަމާކުރުން ކަމަށް ވިދާޅުވިއެވެ.

Ad
rt

ނަމަވެސް، ރައްޔިތުންނަށް މިކަންކަމުގެ ހަގީގަތް ރަނގަޅަށް އެނގޭނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ޒިންމާއަކީ ކަންކަން ވަމުންދާ ގޮތުގެ ހަގީގަތް ރައްޔިތުންނަށް ކިޔައިދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއަށްފަހު އެމްޑީޕީގެ ވެރިކަން ހިނގި ދުވަސްވަރުގެ ތެރެއިން 2021 ވަނަ އަހަރު ޑޮލަރުގެ ހާލަތާއި މިހާރުގެ ހާލަތާއި އަޅާކިޔައި އޭނާ ވަނީ އަދަދުތަކެއް ވިދާޅުވެފައެވެ.

މިގޮތުން 2021 ވަނަ އަހަރާއި އަޅާބަލާއިރު މިހާރު ރަސްމީ ރޭޓުގައި (15.42 ރުފިޔާގެ ރޭޓުން) އެމްއެމްއޭގެ ސަޕޯޓާއެކު ބޭންކުތައް މެދުވެރިކޮށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުވެފައިވާކަން ވަޒީރު ވިދާޅުވިއެވެ. އެގޮތުން، 2021 ވަނަ އަހަރު ބޭންކް ކާޑުތަކުން މަހަކު އެވްރެޖްކޮށް 10 މިލިއަން ޑޮލަރު ބޭނުންކުރިއިރު، މިހާރު މަހަކު 39 މިލިއަން ޑޮލަރު ކާޑުތަކަށް ބޭނުންކުރާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް 2021 ގައި މަހަކު އެވްރެޖްކޮށް 6.7 މިލިއަން ޑޮލަރު ދޫކުރިއިރު، މިހާރު އެ އަދަދު 26.6 މިލިއަން (ގާތްގަނޑަކަށް 27 މިލިއަން) ޑޮލަރަށް އިތުރުވެ، 30 އިންސައްތައާއި 40 އިންސައްތައާއި ދެމެދުގެ މިންވަރަކަށް ބޭންކު މެދުވެރިކޮށް ޓީޓީ ހަދައިދޭކަން ފާހަގަކުރެއްވިއެވެ. އެމްޑީޕީ ވެރިކަމުގައި ބޭންކު މެދުވެރިކޮށް ހެދެނީ އެންމެ 5 އިންސައްތަ ޓީޓީ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކިޔަވާ ދަރިވަރުންނަށް 2021 ގައި 1.9 މިލިއަން ޑޮލަރު ދޫކުރިއިރު މިހާރު އެ އަދަދު ދެގުނަ އިތުރުވެ 3.9 މިލިއަން (ގާތްގަނޑަކަށް 4 މިލިއަން) ޑޮލަރަށް އަރާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ބޭސްފަރުވާއަށް 2021 ގައި 159,000 ޑޮލަރު އަދި 2022 އާއި 2023 ގައި 3 ލައްކަ ޑޮލަރު ދޫކުރިއިރު، މިހާރު ހަމައެކަނި ބޭސްފަރުވާއަށްވެސް މަހަކު 3 މިލިއަން ޑޮލަރު ރަސްމީ ރޭޓުގައި ދޫކުރާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރަށް ދާ މީހުންނަށް 2021 ގައި 1.5 މިލިއަން ޑޮލަރު ދޫކުރިއިރު، މިހާރު ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ދޫކުރާ ކަމަށާއި އީކޮމާސް ދާއިރާއަށްވެސް ދޫކުރާ ޑޮލަރުގެ އަދަދު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ، ބްލެކް މާކެޓް އުފެދެނީ ބޭންކިން ސިސްޓަމް ތެރެއަށް ޑޮލަރު ނުވައްދައި ޑޮލަރު ލިބޭ ފަރާތްތަކުން އަމިއްލައަށް ވިއްކާތީ ކަމަށާއި، އެކަމަށް ހިތްވަރު ލިބެނީ ބައެއް ނޫސްތަކުގެ ހެޑްލައިންތަކާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ވާހަކަތަކުން ކަމަށެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ޑޮލަރުގެ ރޭޓް ކުޑަކުރަން އުޅުުއްވި ގޮތަށް އަލިއަޅުވާލައްވަމުން، އެއިރު ރަސްމީ ބޭންޑަކީ 10 ރުފިޔާ ކަމަށް ހައްދަވައިގެން އުޅުއްވި ނަމަވެސް ވެރިކަން ނިމުނުއިރު މާކެޓް ރޭޓް ހުރީ 17 ރުފިޔާއަށް ކަމަށް ސައީދު ވިދާޅުވިއެވެ.

ޑޮލަރުގެ އަގު ބޮޑުވެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން އަންނަނީ މިރޭ މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.