އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް، ހުރިހާ ރަށެއްގެ ޚިޔާލު ހޯދައި ރަނގަޅު ޕްލެޓްފޯމެއް އެކުލަވާލުމަށް ހަނިމާދޫގައި މަހާސިންތާ ބޭއްވުމަށް އެރަށު ކައުންސިލުން ފެމިލީ އެންޑް ވެލްފެއަރ މިނިސްޓްރީގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ހުށަހަޅައިފިއެވެ.

މި ހުށަހެޅުން ހުށަހަޅާފައި ވަނީ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މިނިސްޓްރީއާއި ކައުންސިލްތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާ ކުރުމަށް ބާއްވާ ސިލްސިލާ ބައްދަލްވުންތަކުގެ ތެރެއިން ހަނިމާދޫ ކައުންސިލާއެކު ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބޭއްވި އޮންލައިން ބައްދަލުވުމުގައެވެ.

Ad
rt

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މި ބައްދަލްވުމުގައި އަލިއަޅުވާލައިފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި، އިސްރަށްވެހީންނާއި، ކުޑަކުދިންގެ އިތުރުން އަންހެނުންނަށް ދިމާވާ އިޖްތިމާޢީ މައްސަލަތަކާއި އެ ކަމުން އެ ފަރާތްތައް ސަލާމަތް ކުރާނެ ގޮތްތަކުގެ މައްޗަށެވެ.

މި ބައްދަލްވުމުގައި، އިޖްތިމާޢީ ދުޅަހެޔޮކަން ހަރުދަނާ ކުރުމަށްޓަކައި، މިނިސްޓްރީގެ ފަރާތުން ކައުންސިލުން ބޭނުންވާ އެއްބާރުލުމާއި ކަންކަން، ހުށަހެޅުމަށް މިނިސްޓްރީންވަނީ ހަނިމާދޫ ކައުންސިލަށް ފުރުޞަތު ދެއްވާފައެވެ. އެ ގޮތުން، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް، ސަރަޙައްދުގެ ހުރިހާ ރަށެއްގެ ޚިޔާލު އެއް ހިޔަލަކުން ހޯދުމަކީ މުޙިއްމު ކަމެއްކަން އެ ރަށު ކައުންސިލުން ފާހަގަ ކުރިއެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ''ތިލަދުން'' އަށް ވިދާޅުވީ، ރަށުގެ އިޖްތިމާޢީ މައްސަލަތަކަށް ބަލާއިރު، މި ވަގުތު ހަނިމާދޫއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ދަތި، އަުނދަގޫކަން ތަޙައްމަލް ކުރަމުންދާ ނުވަތަ އަނިޔާ ލިބެމުންދާ ފަރާތްތަކުގެ މައްސަލަތައް ގެންދަންވީ މިސްރާބު ނޭނގުންކަމަށެވެ. ނުވަތަ އެކަމަށް އަވަސް ޙައްލެއް ހޯދުމަށް ހުށަހަޅަންވީ ފަރާތެއް ނޭނގުމެވެ. އާންމު ފަރުދުން ޚިދުމަތް ހޯދައި، ގުޅާ އުޞޫލުން ކައުންސިލުން ވެސް ގުޅަން ޖެހެނީ ވުޒާރާގެ ހޮޓްލައިނަށް ކަމަށްވާތީ، އެންމެ އެދެވޭ އަވަސް ޖަވާބު، ނުލިބޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުޑަކުދިންނަށް ދިމާވާ ޖިންސީ އަނިޔާއާއި އަންހެނުންނަށް ދިމާވާ ގެވެށި އަނިޔާތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް އާއިލާތަކުން އަދާކުރުމަށް އުޒުރުވެރިވެފައިވާ މި ވެއްޓަށް، އިޖްތިމާޢީ އެހީތެރިކަން ސަރުކާރުން އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދޭންޖެހޭކަމަށާއި، މައްސަލައެއް ބޯމަތިވާއިރު، އެ މައްސަލައެއް ގެންދަންޖެހޭ އެންމެ މަތީ ފަރާތަކަށް ގެންދިޔުމުގައި ލަސްތަކާއި ކުރިމަތިވެ، ރައްކާތެރިކަމުގެ ޙައްޤު ލިބިދޭންޖެހޭ ފަރާތަށް އެ ޙައްޤު ނުލިބުމަކީ މުޖުތަމަޢުގެ ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއްކަމުގައި ނައިބުރައީސް ވަނީ ވިދާޅުވެފައެވެ.

އެ ގޮތުން އެކަމަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ހަނިމާދޫގައި ހުރުމާއެކު، އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް، ހުރިހާ ރަށެއްގެ ޚިޔާލު ހޯދައި ރަނގަޅު ޕްލެޓްފޯމެއް އެކުލަވާލުމަށް ހަނިމާދޫގައި މަހާސިންތާ ބޭއްވުމަށް މިނިސްޓްރީގައި އެދިފައިވާނެކަމަށް ފިރާގް ވިދާޅުވިއެވެ.

އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ތިލަދުންމަތީގެ ރަށްރަށުގެ ކައުންސިލްތަކާ ފެމިލީ އެންޑް ވެލްފެއަރ މިނިސްޓްރީގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބާއްވަމުންދާ އޮންލައިން ބައްދަލްވުންތަކަކީ ސަރަޙައްދީ އިޖްތިމާޢީ ދުޅަހެޔޮކަމަށް އެދެވޭ އަސަރުތަކެއް ކުރާނެކަމެއްކަމުގައި ހަނިމާދޫ ކައުންސިލުން ދެކެއެވެ.