ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން އެކި ކުންފުނިތަކުގެ އަތުން އޮޅުވާލައިގެން މުދާ ހޯދި މައްސަލާގައި 109 އަހަރަށް ޖަލަށްލާފައި ހުސައިން ޝިފާއުގެ ބަންދަށް މިވަގުތު ލުޔެއް ދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 123،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ ހޯދި މައްސަލާގައި ޝިފާއުގެ މައްޗަށް ކުރި 23 ދައުވާއެއް ސާބިތުވެ, 109 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން އޮތީ ހުކުމްކޮށްފަ އެވެ.
އެ މައްސަލަ އިސްތިއުނާފް ކުރުމަށްފަހު ޝިފާއުގެ ފަރާތުން އެދުނީ އިސްތިއުނާފް ނިމެންދެން ޖަލު ހުކުމް ފަސްކުރަން ނުވަތަ ކަފާލާތުގެ ދަށުން ގޭ ބަންދަށް ބަދަލުކުރަން އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް ހައި ކޯޓުން މިއަދު ނިންމީ އެފަދަ އެއްވެސް އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
އެ މައްސަލާގައި ޝިފާއު ހައްޔަރު ކުރުމަށް ފަހު 2023 ވަނަ އަހަރު ބަންދުން ދޫކޮށްލުމުން އޭނާ ރާއްޖެ އިން ބޭރަށް ދިޔަ އެވެ. އޭގެ ފަހުން އިންޓަޕޯލް މެދުވެރިކޮށް އޭނާ ހައްޔަރުކުރަން ރެޑް ނޯޓިސް ނެރުމުން އޭނާ އެނބުރި ރާއްޖެ އައުމާއެކު އަލުން ހައްޔަރުކުރި އެވެ.
ޝިފާއުއަކީ ރާއްޖޭގައި ދެވަނައަށް އެންމެ ދިގު ޖަލު ހުކުމެއް މިވަގުތު އޮތް މީހާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!