ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ސަރަހައްދީ ޖަމިއްޔާސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލެންސީ އެމް.ޑީ. ގޯލަމް ސަރުވަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިއޮތް މި ބައްދަލުކުރެއްވުމުގައި، ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި އެމަނިކުފާނު ކޮށްދެއްވި އިޚްލާޞްތެރި ޚިމަތްތަކާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ސާކް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ދޭ ސަމާލުކަން ތަކުރާރުކުރައްވައި، ސެކްރެޓަރީ ޖެނެރަލްގެ ހިންގުންތެރިކަމަށް ރައީސް ވަނީ ތަޢުރީފު ކުރައްވާފައެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ފަރާތުން ލިބެމުންދާ ދެގޮތެއްނުވާ އެއްބާރުލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. "ސާކް އުފެއްދި މެންބަރު ޤައުމެއްގެ ޙައިސިއްޔަތުން ދިވެހިރާއްޖެއަކީ، އެ ޖަމްޢިއްޔާއަށް ނުހަނު މުހިއްމު ޤައުމެއް،" ކަމުގައި ފާހަގަކުރައްވައި، ޖަމްޢިއްޔާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ސާކްގެ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ސަރަޙައްދީ ގުޅުން ބަދަހިކުރުމާއި، ކުރިއަށް އޮތް ތަނުގައި އެންމެން ގުޅިގެން ކުރިއެރުން ހޯދޭނެ މަގުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސް މުޢިއްޒު ވަނީ މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަންވެސް އެމަނިކުފާނު ފާޅުކުރަށްވާފައެވެ.
ދިވެހިރާއްޖެއަކީ ސާކް އުފެއްދުމުގައި ބައިވެރިވި އިސް ޤައުމެކެވެ. ސާކް ރަސްމީކޮށް އުފެދުނީ 8 ޑިސެމްބަރު 1985 ގައި ބަންގްލަދޭޝްގެ ޑާކާގައި ސާކް ޗާޓަރުގައި ސޮއިކުރުމާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!