ކުޅުދުއްފުށި ސިޓީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ "ކްލައިމެޓް ސްމާޓް އެގްރިކަލްޗަރ" ނަމޫނާ ދަނޑާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިފިއެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "އެންހޭންސިންގް ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" މަޝްރޫއުގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުއެއްކަމަށެވެ.

Ad
rt

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާ ބެހޭ ވުޒާރާއިން ކުޅުދުއްފުށީ ސިޓީ ކައުންސިލްއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެ ރަށުގެ ދަނޑުވެރިންނާއި ތައުލީމީ މުއައްސަސާތަކުގެ އިތުރުން ދާއިރާގެ އެކި ހިއްސާދާރުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ކުދި ރަށްތަކުގެ މާހައުލާ ގުޅޭ، މޫސުމަށް ބަދަލުވާ ޒަމާނީ އަދި ދެމެހެއްޓިނިވި ދަނޑުވެރިކަމުގެ އުސޫލުތައް ދައްކާލުމަށްޓަކައި، ޤާއިމުކުރާ މި ދަނޑު، ހިންގައި ބެލެހެއްޓުމުގައި ހިއްސާދާރުންގެ އިރުޝާދާއި ލަފާ ހޯދުމެވެ.

މި ބައްދަލުވުމުގައި ދަނޑުވެރިންނާއި، ތައުލީމީ މުއައްސަސާތަކުގެ އިތުރުން ދާއިރާގެ އެކި ހިއްސާދާރުން ބައިވެރިވެ، މަޝްރޫއު ކުރިއަށްގެންދާނެ ގޮތްތަކާ މެދު އަގުހުރި ހިޔާލުތަކެއް ހިއްސާކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ނަމޫނާ ދަނޑަކީ ޒަމާނީ ދަނޑުވެރިކަމުގެ އާ އުކުޅުތަކާއި ވަސީލަތްތައް ތައާރަފުކޮށް، ރަށުފެންވަރުގައި ނުވަތަ އާންމުންނަށް ދަނޑުވެރިކަން ދަސްކޮށްދީ އަދި އޭގެ ފައިދާ އެންމެ ފުރިހަމައަށް ދެއްކުމަށްޓަކައި ހާއްސަކޮށް ގާއިމުކުރާ ތަޖުރިބާ ދަނޑެކެވެ.