ބާރުގަދަ ތޫފާން ޑޮލްފިން ހޮނިހިރު ދުވަހު ޖަޕާނުގެ ދެކުނުގެ އޮކިނާވާ ޕްރިފެކްޗަރަށް އަރައި، ފަސް މީހަކު ޒަޚަމްވެ 14,000 އަށްވުރެ ގިނަ އިމާރާތުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. މި ތޫފާން ޗައިނާގެ އިރުމަތީ އައްސޭރިފަށަށް އަރާނެ ކަމަށް ބެލެވޭތީ، އެ ގައުމުން މިހާރު ވަނީ ބަނދަރުތަކާއި ފެރީގެ ދަތުރުތައް މެދުކަނޑާލާފައެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނި ގޮތުގައި، ތޫފާން މިހާރު ދަތުރުކުރަމުންދަނީ ގަޑިއަކު 15 ކިލޯމީޓަރުގެ ބާރުމިނުގައި ހުޅަނގު އުތުރަށެވެ. ތޫފާނުގެ މަރުކަޒުގައި ވަޔާއި ގަދަވަައިގެ ބާރުމިން ގަޑިއަކު 162 އާއި 216 ކިލޯމީޓަރާ ދެމެދުގައި ހުރިއިރު، މީގެ ސަބަބުން އޮކިނާވާގެ ފަސް މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި ހާދިސާއާ ގުޅިގެން ޖަޕާނުގެ އެއާލައިންތަކުން ވަނީ އެ ސަރަހައްދަށް ކުރަން ހަމަޖެހިފައިވާ ގިނަ ފްލައިޓްތަކެއް ކެންސަލްކޮށްފައެވެ.
ޗައިނާގެ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ލަފާކުރާ ގޮތުގައި، ތޫފާން ޑޮލްފިން އާދިއްތަ ދުވަހުގެ ރޭ ނުވަތަ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޗައިނާގެ އިރުމަތީ އަދި ދެކުނު އައްސޭރިފަށަށް އަރާނެއެވެ. މި ތޫފާނުގެ ސަބަބުން ޝަންހާއީ އާއި އެ ގައުމުގެ ބައެއް ޕްރޮވިންސްތަކަށް އޮގަސްޓް 12 އާ ހަމައަށް ގަދަ ވަޔާއެކު ވާރޭ ވެހޭނެ ކަމަށް ބެލެވެއެވެ. ވަކިން ހާއްސަކޮށް ޒެޖިއަންގް ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކަށް 600 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ފޯކާސްޓްތަކުން ދައްކައެވެ.
ތޫފާނާ ގުޅިގެން ޒެޖިއަންގް ޕްރޮވިންސްގައި ވަނީ އެންމެ މަތީ ދަރަޖައިގެ އެލާޓް ނެރެފައެވެ. މިގޮތުން ބަނދަރުތަކުގެ މަސައްކަތްތައް ހުއްޓާލައި، 162 ފެރީ ރޫޓެއްގެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. މީގެ އިތުރުން ނިންގްބޯ ލިޝޭ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމަށް ނިންމާފައިވާއިރު، ޝަންހާއީގެ ޔަންގްޝާން ބަނދަރުން އުޅަނދުފަހަރު ވަނީ ހުސްކޮށްފައެވެ.
ޓައިވާނުގައި ވެސް މި ތޫފާނުގެ ސަބަބުން ބައިނަލްއަގުވާމީ 63 ފްލައިޓެއް ކެންސަލްކޮށްފައިވެއެވެ. ޓައިވާން ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ޗައިނާގެ އިރުޝާދުތަކަށް ތަބާވުމަށް ބެއިޖިންގް އިން އަމުރުކުރުމާ ގުޅިގެން، ޓައިވާނުން ވަނީ އެއީ "ހަމަޖެހޭ ކަމެއް ނޫން" ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. ޓައިވާނުން ބުނި ގޮތުގައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކަށް ހުރަސް އެޅުމުގެ ހައްގު ޗައިނާއަކަށް ނޯންނާނެއެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނި ގޮތުގައި، މި ތޫފާނުގެ ނުރައްކާ އަދިވެސް އޮތުމާއެކު، އޮކިނާވާ އާއި ކަގޯޝިމާ ޕްރިފެކްޗަރގެ އަމާމީ ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބެލެވެއެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، އާންމުން ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!