ޗެމްޕިއަންސް ލީގުގެ ކާމިޔާބީތައް ހޯދަމުން އަންނަ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެ ޓީމުގެ އެޓޭކް ވަރުގަދަކުރުމުގެ ގޮތުން މޮނާކޯއަށް ކުޅެމުން އައި ފްރާންސްގެ ވިންގަރ މެގްނަސް އަކްލިއޫޝް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބުރާސްފަތި ދުވަހު ސޮއިކުރުވައިފިއެވެ.
ޕީއެސްޖީން މި ސޮއިކުރުން އިއުލާނުކުރި ނަމަވެސް، ޓްރާންސްފާގެ މާލީ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފްރާންސްގެ ކުޅިވަރު ނޫހެއް ކަމަށްވާ L’Equipe އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 24 އަހަރުގެ މި ކުޅުންތެރިޔާ ހޯދުމަށް ޕީއެސްޖީން 50 މިލިއަން ޔޫރޯ (58 މިލިއަން ޑޮލަރު) ހޭދަކޮށްފައިވެއެވެ.
އަކްލިއޫޝް އަކީ ނިމިދިޔަ ސީޒަނުގައި ފްރެންޗް ލީގުގައި ފާހަގަކޮށްލެވުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ދެ މެޗުގައިވެސް އޭނާ ވަނީ އެ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާފައެވެ. އެ ބުރުން ޕީއެސްޖީ ކުރިހޯދީ 5-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ވައަތުން ކުޅޭ އަކްލިއޫޝް އަކީ ދަނޑުގެ ފަހަތުން ބޯޅަ ހިފައިގެން ކުރިއަށް އަރާ ދުވުންތަކާއި، އަރިމަތިން ޑިފެންޑަރުން ކަނޑާލާފައި ވަދެ ނުރައްކާކުރުމަށް ކުޅަދާނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި އިރާގާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައެވެ.
ޕީއެސްޖީއާ ގުޅުމަށްފަހު އަކްލިއޫޝް ބުނީ، "ޕެރިސް ސެއިންޓް ޖާމަންއަށް ސޮއިކުރުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް" ކަމަށެވެ. އަދި އޭނާ އަކީ ޕެރިސް ސަރަހައްދަށް އުފަންވެ ބޮޑުވި މީހަކަށް ވުމުން، މިފަދަ ޝަރަފުވެރި ކްލަބަކާ ގުޅުމަކީ އޭނާއަށާއި އޭނާގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ފާހަގަކުރިއެވެ.
އަކްލިއޫޝް ޕީއެސްޖީއާ ގުޅުމާއެކު، އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގަރ ބްރެޑްލީ ބާކޯލާ އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ބަދަލުވުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ލިވަޕޫލުން ބާކޯލާ ހޯދުމަށް އިސްކަންދޭ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!