ކޮކޮނަޓް ލީފް ބީޓްލް ނުވަތަ ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކުރުމަށްޓަކައި ހދ. ހަނިމާދޫ ހެލްތް ސެންޓަރުގައި ޤާއިމުކުރި "ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޤާއިމުކޮށްފައިވާ މި މަރުކަޒު ހުޅުވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ.

Ad
rt

މި ސެންޓަރަކީ ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ތަރައްޤީކުރި މުހިންމު ވަސީލަތެކެވެ. މި މަޝްރޫޢުގެ ދަށުން އެކުލަވައިލެވުނު އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ކަމާބެހޭ ވުޒާރާއާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ސޮއިކޮށްފައިވަނީ 14 ޖުލައި 2025 ގައެވެ.

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކުރާ މަރުކަޒެއް ހުޅުވުން، ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެނެގަނެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އެފަދަ ބަލިތައް ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ. މިގޮތުން، ޕެސްޓަށް ޙަމަލާދޭ ފައިދާހުރި ސޫފާސޫފި (ބަޔޮލޮޖިކަލް ކޮންޓްރޯލް އޭޖެންޓްސް) އާލާކޮށް، ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުމުގެ މަސައްކަތް މި ސެންޓަރުގައި ކުރިއަށްދާނެއެވެ.

މި މަރުކަޒަކީ ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ޤާބިލުކަން ލިބިގެންވާ ތަނެކެވެ.

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކުރާ މަރުކަޒެއް ހުޅުވުން، ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ރާއްޖެއިން ކޮކޮނަޓް ހިސްޕިޑް ބީޓްލް އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރުގެ ޑިސެންބަރު މަހު އދ. ސަން އައިލެންޑް ރިސޯޓުންނެވެ. އޭގެ ފަހުން 2000 ވަނަ އަހަރުން ފެށިގެން މި ޕެސްޓް ނައްތާލުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އެގޮތުން 2003 ވަނަ އަހަރު އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (FAO) އާ ގުޅިގެން ޚާއްޞަ މަޝްރޫޢެއް ފަށައި، ޕެރަސިޓޮއިޑް އާލާކޮށް ދޫކުރުމުގެ މަސައްކަތް މީގެ ކުރިންވެސް ވަނީ ކޮށްފައެވެ.

މީގެ އިތުރުން، ރާއްޖެއަށް ރުއް އެތެރެކުރުމުގެ އުޞޫލުތައް ހަރުދަނާކުރުމާއި، ރަށްރަށުގެ މެދުގައި ރުއް އުފުލުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ކައުންސިލްތަކާ ހިއްސާކުރުމުގެ އިތުރުން، ކަރަންޓީންގެ މިންގަނޑުތައް ތަންފީޒުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މިހާރު ހުޅުވުނު އައު މަރުކަޒާއެކު، ރުއްތަކަށް ޖެހޭ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލްކޮށް، މިހާރު ހުރި ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.