ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެމްބަރުން ހޮވުމަށް ބާއްވަން ނިންމާފައިވާ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.
އައު ދައުރުގެ ރަށު ކައުންސިލަރުންގެ ތެރެއިން ކައުންސިލަރަކާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެމްބަރަކު އިންތިޚާބު ކުރުމަށް ކުރިން ތާވަލުކޮށްފައި އޮތީ ކުރިއަށް އޮތް ހޮނިހިރު ދުވަހަށެވެ. ނަމަވެސް، އެލްޖީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންތިޚާބާ ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ނިމިފައި ނުވާތީ އިންތިޚާބު މުއްދަތެއްނެތި ފަސްކޮށްފައިވާ ކަމަށެވެ.
މުއްދަތެއްނެތި ފަސްކުރި އިންތިޚާބުގައި ކުރިން ވާދަކުރަން ނިންމާފައި އޮތީ ރަށު ކައުންސިލަރުންގެ ތެރެއިން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު (ޕީއެންސީ) އާއި ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ސާފިރު (އެމްޑީޕީ) އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން ކުރިމަތިލައްވާފައިވަނީ ލ. ގަމު އަންހެނުންގެ ކޮމިޓީގެ ރައީސް މަރިޔަމް ނީނާ (އެމްޑީޕީ) އާއި ށ. ފުނަދޫ އަންހެނުންގެ ކޮމިޓީގެ ރައީސް މަރިޔަމް ޒީނާ (ޕީއެންސީ) އެވެ.
އެލްޖީއޭ އިން ބުނިގޮތުގައި އިންތިހާބު ފަސްކުރަން ޖެހުނީ އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުނިމި ހުރުމުންނެވެ. ނަމަވެސް، އެއީ ކޮން މަސައްކަތްތަކެއް ކަމުގެ އިތުރު ތަފުސީލެއް އެ އޮތޯރިޓީން ހާމަކޮށްފައެއް ނުވެއެވެ.
އެލްޖީއޭގެ ބޯޑަކީ ލާމަރުކަޒީ ނިޒާމު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް މުއައްސަސާއެވެ. އެ އޮތޯރިޓީގެ ބޯޑު އެކުލެވިގެންވަނީ ޖުމްލަ ނުވަ މެމްބަރުންގެ މައްޗަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!