މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ މާލީ ހިސާބުތަކާއި އޮޑިޓް ރިޕޯޓް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާތީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) 30,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ރާއްޖޭގެ ސެކިއުރިޓީޒް ބާޒާރު ރެގިއުލޭޓްކުރާ އިދާރާ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޓީސީސީ ޖޫރިމަނާކުރަން ނިންމީ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ގަވާއިދާ އެ ކުންފުނިން ހިލާފުވުމާ ގުޅިގެން ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓާއި، އެ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ގަވާއިދުގައި ބުނާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައި ނުވާކަން އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.
ސީއެމްޑީއޭއިން ބުނި ގޮތުގައި 30,000 ރުފިޔާގެ މި ޖޫރިމަނާއަކީ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވައިދުގެ ދަށުން އެޅި ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!