ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މިއަދު ފަށާފައިވާއިރު، މި ޓާމަކީ މުޅި އަހަރުގެ ނަތީޖާ ކަށަވަރުކުރާ ދުވަސްވަރުކަމަށްވާތީ، މިއީ ކޮންމެ ދަރިވަރެއްގެ ތަޢުލީމީ ޙަޔާތުގައި މުޙިއްމު މަރުޙަލާތަކެއް އަންނާނެ ޓާމެކެވެ. އެހެންކަމުން އަހަރުގެ ފުރަތަމަ ޓާމާ ޚިލާފަށް، މި ދުވަސްވަރު ދަރިވަރުންނާއި ބެލެނިވެރިން ހާއްސަ ސަމާލުކަން ދޭންޖެހޭ މުޙިއްމު ކަންތައްތަކެއް ހުންނާނެއެވެ.

ވަގުތަށް ސަމާލުކަން ދިނުން

Ad
d

ޗުއްޓީއަށްފަހު، އަލުން ކިޔެވުމަށް އެނބުރި އަންނައިރު ވަގުތު "މެނޭޖް" ކުރުމަކީ ވަރަށް މުޙިއްމު ކަމެކެވެ. ސަބަބަކީ ޗުއްޓީގެ "ރޫޓިން" އަށް ވަގުތުތައް އާދަވެފައި ވާނަމަ، ކިޔެވުމުގެ ރޫޙު ގެއްލިދާނެތީއެވެ. ސްކޫލަށް ގަޑިއަށް ހާޟިރުވުމާއި ފިލާވަޅުތައް ހެދުމާއި ދަސްކުރުމުގެ އިތުރުން ޓިޔުޝަންތަކަށް ވަކި ވަގުތުތަކެއް ކަނޑައެޅުމަކީ ރަނގަޅު ނަތީޖާއެއް ނެރުމަށް އެހީވެދޭނެ ކަންކަމެވެ.

އިމްތިޙާންތަކަށް ތައްޔާރުވުން

ދެވަނަ ޓާމަކީ، އަހަރީ އިމްތިޙާންތަކާއި ޤައުމީ އަދި ބައިނަލް އަޤްވާމީ ގިނަ މުބާރާތްތަކަށް ދަރިވަރުން ތައްޔާރުވާ ދުވަސްވަރެވެ. އެހެންކަމުން ކްލާހުގައި ޤަވާޢިދުން ދޭ ފިލާވަޅުތައް ފުނިޖެހުނަ ދީގެން ނުވާނެއެވެ. އިމްތިޙާން އައިސް ބޯ މަތި ވުމުގެ ކުރިން، ދުވަހުން ދުވަހަށް ނަގައިދޭ ފިލާވަޅުތައް މުޠާލިޢާކުރުމަށް ބެލެނިވެރިން ދަރިވަރުންނަށް ބާރު އަޅަން ޖެހޭނެއެވެ.

ޞިއްޙަތާއި ދުޅަހެޔޮކަން

ކިޔެވުމުގެ ޕްރެޝަރު އިންތިހާއަށް ބޮޑު މި ދުވަސްވަރު، ދަރިވަރުންގެ ޞިއްޙަތަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެކެވެ. ނިދި ހަމަ ކުރުމާއި ޞިއްޙަތަށް ބޭނުންވާ ރަނގަޅު ކާނާ ބޭނުން ކުރުމާއި ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދޭން ވާނެއެވެ. ނިދި ހަމަ ނުކޮށް، ސްކޫލަށް ދިޔުމުން، ކިޔަވާ ހިތް ކެނޑި، ކަންނެތްކަމާއި ވަރުބަލިކަން އިޙްސާސް ކުރަން ޖެހެހެއެވެ. އެހެންވެ، ނިދި ހަމަ ކުރުމަށް ބެލެނިވެރިން ދަރިވަރުންނަށް ބާރު އަޅަން ވާނެއެވެ.

ދުވަހުގެ ކޮންމެވެސް އެއް ވަގުތެއް ކަސްރަތު ކުރުމަށް ހުސްކޮއްލުމަކީ ނުހަނު ފައިދާ ކުރަނިވި ކަމެކެވެ. ސަބަބަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދަރިވަރުންނަށް ދުޅަހެޔޮކަން ގެނުވާ އެއް އަސާސަކީ ކަސްރަތުކަމަށް ވާތީއެވެ. ކިޔެވުމުގެ ބުރަ މަސައްކަތުގައި އުޅޭއިރު ހަށިގަނޑަށް ބޭނުންވާ ހަރަކާތްތެރިކަން އިތުރުކުރުމަކީ ސިކުނޑި ތާޒާ ކޮށްދީ، ހާސްކަން ކުޑަކޮށްދޭ ކަމެކެވެ. އެހެންކަމުން ކޮންމެ ދަރިވަރަކު ވެސް ދުވަހުގެ ތާވަލުގައި ކަސްރަތަށް ވަގުތު ކޮޅެއް ކަނޑައެޅުމަކީ ދުޅަހެޔޮ މުސްތަޤްބަލަކަށް ކޮށޭނެ ފަހި މަގަކަށްވާނެއެވެ.

އިތުރު ޚަރަކާތްތަކާއި ކިޔެވުން ބެލެންސް ކުރުން

އިތުރު ޚަރަކާތްތަކުގައި ބައިވެރިވުމަކީ މުޙިއްމުކަމެކެވެ. ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ކިޔެވުމަށް ކަމުގައި ވާތީ، ކިޔެވުމަށް ބުރޫ ނާރާ ގޮތަށް އެ ކަންކަން ތަރުތީބު ކުރަން ސަމާލުކަން ދޭން ޖެހެއެވެ. އިތުރު ޚަރަކާތްތަކުގައި ބައިވެރި ވުމަކީ ވެސް ދަރިވަރުންގެ ތަޢުލީމީ ޙަޔާތުގެ ކާމިޔާބީއަކަށް ވާތީ، ކިޔެވުމާއި އިތުރު ޚަރަކާތްތައް ރޭވުންތެރިކަމާއެކު ބެލެންސް ކުރުމަށް ބެލެނިވެރިން، ދަރިވަރުންނަށް ބާރުއަޅަން ވާނެއެވެ.

Ad
df

މި ޓާމު ނިމިގެން ދާއިރު ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އިމްތިޙާންތަކަށް ތައްޔާރުވުމުގައި ވަކި އުޞޫލުތަކެއް ކަނޑައަޅައި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ސަމާލުކަން ދީ، ސްކޫލްތަކުގައި ހިންގޭ އިތުރު ޚަރަކާތްތަކުގައި ބައިވެރިވާއިރު، ކިޔެވުމަށް ބުރޫ ނާރާނެ ގޮތްތަކެއް ރާވާ، އަހަރުގެ ފަހު މަރުޙަލާ ކާމިޔާބު ކުރުމަށް ހިތްވަރު ކުރާނެ ދަރިވަރަކަށް ވުމުގެ އަމާޒުގައި ހުރުމަށް ދަރިވަރުންނަށް ބެލެނިވެރިން ނަޞޭޙަތްތެރިވާން ޖެހެއެވެ. ސްކޫލްތަކާއި ބެލެނިވެރިން އެއް އަމާޒެއްގައި ތިބިހާ ހިނދަކު، ދަރިވަރުންނަށް ކާމިޔާބު ނަތީޖާއަކާ ހަމައަށް ވާޞިލްވެވޭނެކަމަށް އުއްމީދު ކުރެވެއެވެ.