މަޝްހޫރު މެސެޖިން އެޕްލިކޭޝަން ޓެލެގްރާމްގެ ކޯ-ފައުންޑަރ ޕަވެލް ޑުރޯވްގެ މައްޗަށް "ޓެރަރިޒަމަށް އެހީތެރިވުމުގެ" ދައުވާ އުފުލައި، އޭނާ ހައްޔަރުކުރުމަށް ރަޝިޔާއިން ބައިނަލްއަގުވާމީ އަމުރެއް ނެރެފިއެވެ.

ރަޝިޔާގެ ދާޚިލީ ސަލާމަތާބެހޭ އިދާރާ (އެފް.އެސް.ބީ) އިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، ރަޝިޔާއަށް އުފަން ޑުރޯވްގެ މައްޗަށް މި ދައުވާ އުފުލީ ޔޫކްރެއިންގެ ޚާއްސަ ޚިދުމަތްތަކާއި ޓެރަރިސްޓް ޖަމާއަތްތަކުން ރަޝިޔާގައި ހަމަލާތައް ރޭވުމަށް ބޭނުންކުރާ ޗެނަލްތަކާއި ބޮޓްތައް ނައްތާލުމަށް ޓެލެގްރާމުން ދެކޮޅު ހަދާފައިވާތީއެވެ. އެފް.އެސް.ބީ އިން ބުނާ ގޮތުގައި މި ވަސީލަތްތައް ބޭނުންކޮށްގެން މީހުން މެރުމާއި، ސައިބަރ ފްރޯޑް އަދި ޓެރަރިޒަމްގެ އަމަލުތައް ވަނީ ހިންގާފައެވެ.

Ad
rt

މި ދައުވާތަކާ ގުޅިގެން ޓެލެގްރާމްގެ އެކްސް އެކައުންޓުން ވަނީ ޑުރޯވް މެދު އިނގިލި ދައްކައިގެން ހުންނަ ފޮޓޯއެއް އާންމުކޮށްފައެވެ. ޑުރޯވް މީގެ ކުރިން ވަނީ ރަޝިޔާގެ ރައްޔިތުން ޓެލެގްރާމް ބޭނުންކުރުން ހުއްޓުވުމަށްޓަކައި އެ ގައުމުގެ ސަރުކާރުން ދޮގު ބަހަނާތައް ދައްކަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. ރަޝިޔާ ސަރުކާރުން މިހާރު ދަނީ ޓެލެގްރާމާއި ވަޓްސްއަޕް ފަދަ އެޕްތައް ހުއްޓުވައި، ސަރުކާރުން ތާއީދުކުރާ "މެކްސް" މެސެންޖަރ ޕްރޮމޯޓް ކުރަމުންނެވެ.

އުމުރުން 41 އަހަރުގެ ޑުރޯވް ރަޝިޔާ ދޫކޮށް ގޮސްފައިވަނީ 2014 ވަނަ އަހަރުއެވެ. އެއީ އޭނާ އުފެއްދި "ވީކޮންޓެކްޓޭ" ސޯޝަލް މީޑިއާގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ގްރޫޕްތައް ބަންދުކުރުމަށް ރަޝިޔާ ސަރުކާރުން އެންގުމުން އެކަމަށް އިންކާރު ކުރުމާ ގުޅިގެންނެވެ. ފްރެންޗް އަދި ޔޫ.އޭ.އީގެ ޕާސްޕޯޓް އޮންނަ ޑުރޯވް މިހާރު ދިރިއުޅެނީ ރަޝިޔާއިން ބޭރުގައެވެ.

ދުނިޔޭގެ 950 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ޓެލެގްރާމަކީ ޔޫޒަރުންގެ ޕްރައިވެސީއަށް ވަރަށް ބޮޑަށް އިސްކަންދޭ އެޕެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އެޕެކެވެ. ނަމަވެސް، އެޕް މޮޑަރޭޓް ކުރުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނެ 2024 ވަނަ އަހަރު ފްރާންސުން ވެސް ވަނީ ޑުރޯވް ހައްޔަރުކޮށް ތަހުގީގެއް ހިންގާފައެވެ.

ރަޝިޔާއިން ނެރުނު ހައްޔަރު ކުރުމުގެ އަމުރަށް އެހެން ގައުމުތަކުން އިޖާބަދޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ރަޝިޔާ ސަރުކާރުން މިހާރުވެސް ވަނީ ޓްވިޓަރ، ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ވަސީލަތްތައް އެ ގައުމުގައި ބްލޮކްކޮށްފައެވެ.