ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ހއ. ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް އިއްޔެ ފަށައިފިއެވެ.
ދިއްދޫ ކުރިމަގު ޖަމިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، ރައީސްގެ 5 މިލިއަން ގަސް އިންދުމުގެ ވަޢުދުގެ ދަށުން ހއ. ދިއްދޫ ކައުންސިލާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 26 ޖުލައި 2026 ގައެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހާ ގުޅުވައިގެން ބޭއްވުނު މި ރަސްމިއްޔާތުގައި ހއ. ދިއްދޫގެ ހުރިހާ މުއައްސަސާތަކާއި، ކުންފުނިތަކުގެ އިތުރުން ކުލަބު ޖަމިއްޔާތަކުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގެ ތެރެއިން އެ ރަށު އިސްލާމީ މަރުކަޒާއި ޕްރީ-ސްކޫލް ވަށައިގެން ގިނަ އަދަދެއްގެ ގަސް ވަނީ އިންދާފައެވެ.
ދިއްދޫގައި ގަސް އިންދުމުގެ ބޮޑު ހަރަކާތް ފެށުން، ފޮޓޯ: ކުރިމަގު ޖަމިއްުޔާ
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ދިއްދޫގައި ކުރިއަށްގެންދިޔަ މި ޚާއްޞަ ހަރަކާތަކީ އެ މިނިސްޓްރީއާއި، ދިއްދޫ ކުރިމަގު ޖަމިއްޔާ، ކައުންސިލް އިދާރާ އަދި ކަމާގުޅޭ އެހެނިހެން ފަރާތްތަކާ ގުޅިގެން ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނު ހަރަކާތެކެވެ.
މި ހަރަކާތާ ގުޅޭގޮތުން ކުރިމަގު ޖަމިއްޔާގެ ރައީސް ޢަބުދުﷲ މާހިރު ''ތިލަދުން'' އަށް ވިދާޅުވީ، ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތް އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު، މި ޕްރޮގްރާމް އެކި ދުވަސްތަކަށް ބަހާލައިގެން ޕްލޭނެއްގެދަށުން ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނެއެވެ.
ދިއްދޫގައި ގަސް އިންދުމުގެ ބޮޑު ހަރަކާތް ފެށުން، ފޮޓޯ: ކުރިމަގު ޖަމިއްުޔާ
''ގަސް މި އިންދަނީ ފެންދީ ބެލެހެއްޓޭ ސަރަހައްދުތައް ބަލައިގެން، ގަސް އިންދުމުގެ މަގްސަދު މި ހާސިލްވަނީ އެ ގަސް ހެދިބޮޑުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރެވިގެން ނޫންތޯ، އެހެންވެ ގަސް އިންދުން ކުރިއަށް ގެންދާނީ މިކަމަށް ވިސްނުން އިސްކޮށްގެން'' މާހިރު ވިދާޅުވެފަވެއެވެ.
މިހަރަކާތުގެ ތެރެއިން ކުރިމަގު ޖަމިއްޔާ އާއި ދިއްދޫ ޑަބްލިޔުޑީސީ ގުޅިގެން ދިރާގުގެ އެހީތެރިކަމާއެކު ރަށުގެ ގޭގެއަށް 400 މޭވާ ގަސް ވަނީ ހަދިޔާކޮށްފައެވެ.
މިކަމާއިގުޅޭގޮތުން ދިރާގުން ބުނީ ދިއްދޫގެ ފެހިކަން އިތުރުކޮށް، އެރަށަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ރަށަކަށް ހެދުމަށްޓަކައި "ދިއްދޫ ކުރިމަގު" ޖަމްއިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
ކުރިމަގު ޖަމިއްޔާ އާއި ދިއްދޫ ޑަބްލިޔުޑީސީ ގުޅިގެން ދިރާގުގެ އެހީތެރިކަމާއެކު ރަށުގެ ގޭގެއަށް މޭވާ އަޅާ ގަސް ހަދިޔާކުރުން، ފޮޓޯ: ދިރާގު
''މި އެހީތެރިކަމުގެ ދަށުން އަޅުގަނޑުމެންގެ ފަރާތުން 400 މޭވާ ގަސް ހަދިޔާކޮށްފައިވާއިރު، އަޅުގަނޑުމެންގެ ޓީމުގެ މުވައްޒަފުން ވަނީ އަމަލީގޮތުން މި ހަރަކާތުގައި ބައިވެރިވެ، ރަށުގެ ގޭގެއަށް ގަސްތައް ބެހުމުގެ މަސައްކަތުގައި އެހީތެރިވެދީފައެވެ.'' ދިރާގުން ބުނެފަވެއެވެ.
މިއީ ރަށުގެ ގޯތިތަކުގައި ފެހިކަން އިތުރުކޮށް، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި މާހައުލެއް ބިނާކުރުމަށް މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރެވުނު މުހިންމު މަސައްކަތެއްގޮތުގައި އެކުންފުނިން ވަނީ ސިފަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!