ރައީސް އޮފީހުން ކޯޓުތަކަށް އޯޑަރު ފޮނުވުމުގެ ސަގާފަތް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށާއި، ޝަރުޢީ ދާއިރާ މިނިވަންކަމާއެކު ހިންގުމުގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މީގެކުރިން ރައީސް އޮފީހުން ކޯޓުތަކަށް އޯޑަރު ދިޔަ ނަމަވެސް، މިހާރު އެކަން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
''މީގެކުރީގައި ވިއްޔާ، ރައީސް އޮފީހުން އޯޑަރު ދާނީ ކޯޓުތަކަށް. އަޅުގަނޑު އެކަން ނިމުމަކަށް ގެނައިން. މިހާރު އެއްވެސް ފަނޑިޔާރަކަށް ވިދާޅެއްނުވެވޭނެ، ވިދާޅެއްނުވެސްވާނެ. ޙަޤީޤަތް ނޫންވީމަ ވިދާޅެއްނުވާނެ، ސަރުކާރުން މިވެނިގޮތަކަށް ޙުކުމްކުރަން އަންގައިފިއެކޭ. ޖުޑީޝަރީ އެވަނީ މިނިވަންކޮށްދީފައި'' ރައީސް ވިދާޅުވިއެވެ.
ޖުޑީޝަރީ މިނިވަންކަމާއެކު ހިންގުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ފައިސާ ކަމަށް ފާހަގަކުރައްވައި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޖުޑީޝަރީގެ ބަޖެޓް ވަކިކޮށްދީ، ބަޖެޓް ބޮޑުކޮށްދީފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޯޓުތަކުގެ އުމްރާނީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެންމެ ގިނަ މައްސަލަތައް ހިނގަމުންދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިންގަމުންދިޔަ ބާވެފައިވާ އިމާރާތްތަކުގެ ބަދަލުގައި، މިހާރު ތަނަވަސް ޖާގަ ބޮޑު އިމާރާތްތަކެއްގައި އެ ކޯޓުތައް ހިންގޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ. މީގެ ސަބަބުން ބާރުމިނުގައި މައްސަލަތައް ނިންމުމުގެ މިނިވަންކަން ފަނޑިޔާރުންނަށް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، 25 ޖުލައި 2026 ގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ އެގްރީމަންޓް އެމް.ޓީ.ސީ.ސީ.އާ އެކު ސޮއިކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުތަކުން ކުރާނެ ކަމަށް ބުނަމުން އައި ނަމަވެސް އަމަލީ ސިފައެއް ނައިސް އޮތް މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫޢަކީ ގާތްގަނޑަކަށް 720 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. ރައީސް ވިދާޅުވި ގޮތުގައި، އެންމެ ލަސްވެގެން 2029 ވަނަ އަހަރުގެ ޤަޟާއީ އަހަރު ޖުޑީޝަރީން ފަށާނީ އަލަށް ބިނާކުރާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސްގައެވެ. މިއީ ޖުޑީޝަރީ ޙަޤީޤީ މާނައިގައި މިނިވަންކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!