މޯލްޑިވްސް ޕޯސްޓްގެ ޚިދުމަތްތައް ޒަމާނީކޮށް ފުޅާކުރުމުގެ ގޮތުން، އަތޮޅުތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން ފެށި "ޕިކްޕޯސްޓް" ޚިދުމަތް ފުރަތަމަ ފަހަރަށް ކުޅުދުއްފުށި ސިޓީގައި ތަޢާރަފުކޮށްފިއެވެ.

މި ޚިދުމަތާއެކު ކުޅުދުއްފުށީގައި ދެމުންދިޔަ ޕޯސްޓްގެ ޚިދުމަތްތައް މިހާރު ވަނީ އެ ސިޓީގެ ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގްގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަށް ބަދަލުކޮށްފައެވެ.

Ad
d

26 ޖުލައި 2026 ގައި ކުޅުދުއްފުށީގައި ރަސްމީކޮށް ފެށި މި ޚިދުމަތުގެ ސަބަބުން، ޕާރުސަލް ނެގުމަށްޓަކައި ކިއު އެއްގައި މަޑުކުރަންޖެހޭ ޖެހުމަށް ނިމުމެއް އަންނާނެއެވެ. ޚިދުމަތް ހޯދާ ފަރާތްތަކަށް މޯލްޑިވްސް ޕޯސްޓުން ފޮނުވާ މެސެޖުގައިވާ ވަގުތުގެ ތެރޭގައި، އެ ފަރާތަކަށް ފަސޭހަ ކޮންމެ ވަގުތެއްގައި އައިސް ޕާރުސަލް ނެގުމުގެ ފުރުޞަތު މިހާރު ލިބިގެންދާނެއެވެ. މިއީ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ކުޅުދުއްފުށީ ސިޓީން ޕިކްޕޯސްޓްގެ ޚިދުމަތް ލިބެން ހުންނާނީ ސީނާ ބިލްޑިންއިން ކަމަށް ޕޯސްޓް އޮފީހުން ބުނޭ، ފޮޓޯ: ޕޯސްޓް އޮފީސް

ޕޯސްޓްގެ އެހެނިހެން ޚިދުމަތްތައްވެސް ލިބޭނެ

ޕިކްޕޯސްޓް ޚިދުމަތުގެ އިތުރުން، ކުރިއެކޭވެސް އެއްފަދައިން ކުޅުދުއްފުށީ ޕޯސްޓް އޮފީސް މެދުވެރިކޮށް ރާއްޖޭގެ އެކި ރަށްތަކަށާއި ސިޓީތަކަށް، އަދި ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ޕާރުސަލް ފޮނުވުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން ދިވެހި އުފެއްދުންތެރިންނަށް ޚާއްޞަ "ރަށު އޮންލައިން ފިހާރަ" ނުވަތަ ކޮމިއުނިޓީ އޮންލައިން ޝޮޕް މެދުވެރިކޮށް ތަކެތި ވިއްކުމާއި، އެ ތަކެތި އިތުބާރާއެކު ކަސްޓަމަރުންނަށް ރައްދުކޮށްދިނުމުގެ އެހީތެރިކަންވެސް ފޯރުކޮށްދޭނެއެވެ.

ކުޅުދުއްފުށީ ސިޓީގައި ޕިކްޕޯސްޓްގެ ޚިދުމަތް ފެށުން، ފޮޓޯ: ޕޯސްޓް އޮފީސް

މީގެ އިތުރުން، އީޓުކުރި ލޯކަލް މެދުވެރިކޮށް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައްވެސް މި އޮފީސް މެދުވެރިކޮށް ލިބިގެންދާނެއެވެ. މޯލްޑިވްސް ޕޯސްޓުން ބުނިގޮތުގައި، ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ލީޑިންގ ޓްރޭޑް ފެސިލިޓޭޓަރެއްގެ ގޮތުން އެ ކުންފުނިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.

މި އައު ބަދަލާއެކު، ރައްޔިތުންނާ ވީހާވެސް ގާތުން ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ކުރިއަށްދާނެކަމަށް އެ ކުންފުނިން ޔަގީންކަންދެއެވެ.

ކުޅުދުއްފުށީގައި މި ޚިދުމަތް ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ހަނދާނީބިނާ ކައިރީގައި ހުންނަ ސީނާ ބިލްޑިން އިން ލިބެން ހުންނާނެއެވެ.

Ad
df

ޕިކްޕޯސްޓް ޚިދުމަތަކީ ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ކާމިޔާބު ޚިދުމަތެކެވެ.