ސަރަޙައްދީ ސުލްޙަ އިސްކޮށް، ސައުތު އޭޝިއާ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މެންބަރު ޤައުމުތަކުން އަލުން މަޝްވަރާގެ މޭޒަށް އައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވައިލައްވައިފިއެވެ.

ރައީސް މިގޮތަށް ގޮވައިލެއްވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސާކްގެ މަސައްކަތްތައް މަޑުޖެހިފައި އޮތް އޮތުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޚިޔާލުތަފާތުވުންތަކަކީ މަޝްވަރާކުރެވިގެން ހައްލު ހޯދޭނެ ކަންކަން ކަމުގައި މި ސަރުކާރުން ޤަބޫލުކުރާ ކަމަށެވެ. އެހެންކަމުން، ސާކްގެ ބައްދަލުވުންތައް އަލުން ފަށައިގަތުމަށްޓަކައި މެންބަރު ޤައުމުތަކުން ސަރަޙައްދީ މަސްލަޙަތު އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ސާކްގެ ހަރަކާތްތައް ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖެއިން އިސްވެ މަސައްކަތްކުރުމަށް އޮތީ ތައްޔާރަށެވެ. މީގެ އިތުރުން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އާއި ކޮމަންވެލްތު ފަދަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުގައި ރާއްޖެއިން އަދާކުރަމުންދާ މުހިންމު ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ.

ޤައުމުގެ ސަރަޙައްދީ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކުރީގެ ސަރުކާރުން ދޫކޮށްލާފައިވާ ދިވެހިރާއްޖޭގެ ޙައްޤު ސަރަޙައްދު ހޯއްދެވުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުތައް ހުއްޓާނުލައްވާނެ ކަމުގެ ޔަޤީންކަން ރައީސް މިއަދުވެސް ދެއްވިއެވެ. "ދިވެހިރާއްޖޭގެ ސަރަޙައްދީ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން ގެންނަންޖެހޭ އިސްލާޙްތައް ގެންނާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކުރުމާއެކު، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލައި، ސަރަޙައްދީ ސުލްޙައަށް މަސައްކަތްކުރުމުގެ މުހިންމުކަން ތަކުރާރުކުރައްވަމުންނެވެ.