އަތޮޅުތެރޭގެ ރަށްތަކުގައި ދެމުންގެންދާ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު 17 ރަށަކަށް އައު އެމްބިއުލާންސް އިއްޔެ ހަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މިއީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި ހުރި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި ފޯރުކޮށްދިން އުޅަނދުތަކެކެވެ.

Ad
d

މި އެމްބިއުލާންސްތަކަކީ ޖުމްލަ 31 އެމްބިއުލާންސް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާ ޑިސެމްބަރ 2025 ގައި ހަވާލުކުރެވުނު 36.2 މިލިއަން ރުފިޔާގެ މަޝްރޫޢުގެ ދަށުން ގެނެވުނު ތަކެއްޗެވެ.

މިފަހަރު ހަވާލުކުރެވުނު 17 އެމްބިއުލާންސަކީ މި މަޝްރޫޢުގެ ދަށުން ގެނެވުނު ފަހު ބެޗެވެ. މި މަޝްރޫޢުގެ ފުރަތަމަ ބެޗްގެ 14 އެމްބިއުލާންސް 9 މާރޗް 2026 ގައި ވަނީ ރަށްތަކާ ހަވާލުކުރެވިފައެވެ. މިއަދު ހަވާލުކުރި އެމްބިއުލާންސްތަކާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް ވަނީ ޖުމްލަ 87 އައު އެމްބިއުލާންސް ރަށްތަކަށް ފޯރުކޮށްދީ، އެމްބިއުލޭޓްރީ ޚިދުމަތް ވަރުގަދަކޮށްފައެވެ.

މި ބުރު އެމްބިއުލާންސް ހަވާލުކުރެވުނު ރަށްތައް:

ށ. ކޮމަންޑޫ، ނ. ފޮއްދޫ، ނ. ހެނބަދޫ، ބ. ދަރަވަންދޫ، ބ. ފުޅަދޫ، ބ. ދޮންފަނު، ޅ. އޮޅުވެލިފުށި، ވ. ފުލިދޫ، ވ. ކެޔޮދޫ، މ. ވޭވަށު، އއ. ބޮޑުފޮޅަދޫ، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. ދަނގެތި، ލ. ފޮނަދޫ، ގއ. ކޮނޑޭ އަދި ގދ. ވާދޫ އެވެ.

ހެލްތް މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މިއަހަރުގެ ތެރޭގައި ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެސް، އެ ޚިދުމަތްވެސް ފެށިގެންދާނެއެވެ. މީގެ އިތުރުން، އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާ އިތުރު 4 ރަށަކަށް ބޭނުންވާ އުޅަނދުތައްވެސް މިއަހަރުގެ ތެރޭގައި ހަވާލުކުރުމަށް ވަނީ ނިންމާފައެވެ.

Ad
df

ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިއްމު އަމާޒެކެވެ.