ޤަޠަރުގެ އަމީރު، ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު، ޤަޠަރުގެ ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވެފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު ދެ ބޭފުޅުން މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ޤައުމުން ވެސް ހިއްސާކުރާކަން ހާމަކުރެއްވިއެވެ.

ރައީސް ޤަޠަރަށް ކުރައްވާ މި ދަތުރުފުޅަކީ، ޤަޠަރުގެ ކުރީގެ އަމީރު ރާއްޖެއަށް ދެއްވާފައިވާ ފާހަގަކޮށްލެވޭފަދަ އެހީތެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ ވަނީ ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

އެމަނިކުފާނުގެ އެހީތެރިކަމުގެ ދަށުން ރާއްޖޭގައި ހިންގާފައިވާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި، ޤަޠަރު އެއަރވޭޒްގެ ދަތުރުތައް ރާއްޖެއަށް ފެށުމާއި، ހައްދުންމަތީގައި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލު ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ބިނާކޮށްފައިވާ މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ޘާނީ އަކީ ވެސް އެމަނިކުފާނުގެ ދީލަތި އެހީގައި ބިނާކުރެވިފައިވާ މިސްކިތެކެވެ.

ޤަޠަރުގެ ކުރީގެ އަމީރު ހަމަދު ބިން ޚަލީފާ އަލްޘާނީ، އަވަހާރަ ވީ 12 ޖުލައި ވީ އާދީއްތަ ދުވަހުއެވެ. ޤަޠަރުގެ ތަރައްޤީގެ ބާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވީ 1448 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 27 ވީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަމީރު ހަމަދުގެ ކަށުނަމާދު އޮތީ އެ ދުވަހުގެ މަޣުރިބު ނަމާދަށްފަހު، އިމާމް މުޙައްމަދު ބިން ޢަބްދުލްވައްހާބު މިސްކިތުގައެވެ. އެއަށްފަހު އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލެވުނީ ލުސައިލް ގަބުރުސްތާނުގައެވެ.