ހދ. ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ދިނުމާ ގުޅޭގޮތުން އެރަށު ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފެނަކަ ކޯޕަރޭޝަނުން އިންކާރުކުރި މައްސަލާގައި ސިޓީ ކައުންސިލުން ސިވިލް ކޯޓުގައި ކުރި ދައުވާ ނާކާމިޔާބުވެއްޖެ އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދައުވާކުރީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޅުދުއްފުށީ ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ކައުންސިލާއެކު އެއްބަސްވުމެއް ހެދުމަށް ފެނަކައިން އިންކާރުކޮށްފައިވާތީ އެވެ.

Ad
rt

އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ ގާނޫނު އޮތްގޮތުން އެއްބަސްވުމެއް ހަދަން ޖެހޭނީ ތިން ވަނަ ފަރާތަކުން ކަރަންޓާއި ފެނުގެ ހިދުމަތް ދޭ ހާލަތްތަކުގައި ކަމަށެވެ. އަދި ފެނަކައިން އެ ހިދުމަތް ދެނީ ދިވެހި ސަރުކާރުން އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްގެން ކަމަށްވާތީ ފެނަކައިން އެ ހިދުމަތް ދެނީ ސަރުކާރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން އެ ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

ފެނަކައަކީ 2012 ވަނަ އަހަރު ރައީސްގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏެކެވެ. އަދި ގިނަ ރަށްރަށުގެ ފެނާއި ކަރަންޓްގެ ހިދުމަތް މިހާރު ދެނީ ފެނަކައިންނެވެ.