ލިޔުންތެރިން ލިޔާ ލިޔުންތަކަކީ ޙައްޤުބަސް ހިމެނޭ، އަދަބުވެރި އަދި މުޖުތަމަޢަށް ފައިދާކުރަނިވި ލިޔުންތަކަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރަށްވައިފިއެވެ.
ރައީސް މި އިލްތިމާސް ކުރެއްވީ ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހައި ލިޔުންތެރިންނަށާއި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވެވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މާތްވެގެންވާ އިސްލާމްދީނަކީ އުނގަންނައިދިނުމާއި، ތެދު މަޢުލޫމާތު ފެތުރުމަށާއި، ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެކެވެ. އެހެންކަމުން، ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކުވެސް ޙައްޤުބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠަބުކުރުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ރައީސް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
"ދިވެހި ލިޔުންތެރިން ވާންޖެހޭނީ، މި ޤައުމު އަބަދުމެ ފަޚުރުވެރިވާނެ މި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ޤައުމުދެކެ ލޯބިވާ ބަޔަކަށް،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ ދިވެހި ޤައުމުގެ އެހާރާއި މިހާރުގެ ލިޔުންތެރިން ކުރައްވާ ތެދުވެރި މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދި ދުޢާކުރައްވަމުންނެވެ.
މި ދުވަހާއި ގުޅުވައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ފޮނުއްވި މެސެޖުގައި ވެސް ވަނީ ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ، ދިވެހިބަހުގެ އަދަބިއްޔާތާއި ލިޔުންތެރިކަން ކުރިއެރިވުމަށް މަސައްކަތްކޮށްދެއްވާ ހުރިހާ ލޮބުވެތި އުޚްތުންނާއި އަޚުންނަށް ފޮނުއްވާފައެވެ.
ލިޔުންތެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!