ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ނަރުހުންގެ އޯގާތެރި ޚިދުމަތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ޝުކުރު އަދާކުރައްވައިފިއެވެ.
އެކަމަނާ މިކަމަށް ޝުކުރު އަދާކުރެއްވީ، މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި "ތަރޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯރ ހެލްތްކެއަރ ޕްރޮފެޝަނަލްސް 2024" (އައި.ޖޭ.ސީ.އެޗް.ޕީ 2024) ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ބަލިމީހާގެ ފަރުވާގެ ހުރިހާ މަރުޙަލާއެއްގައިވެސް އެންމެ ގާތުން ހަރަކާތްތެރިވާ ބަޔަކީ ނަރުހުން ކަމަށެވެ. އަދި ގިނަ ފަހަރަށް ބަލިމީހާގެ ޙާލަތަށް އަންނަ ކުދިކުދި ބަދަލުތައް އެންމެ ފުރަތަމަ ދެނެގަންނަނީވެސް، އަދި އެންމެ ފަހު ވަގުތާ ހަމައަށް ބަލިމީހާގެ ކައިރީގައި ތިބެނީވެސް ނަރުހުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ނަރުހުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވަމުން، އެކަމަނާ ވަނީ ރާއްޖެއާއި ބޭރުގެ އެކި ޤައުމުތަކުގައި މަސައްކަތްކުރާ ހުރިހާ ނަރުހުންގެ ޚިދުމަތްތެރިކަމާއި އޯގާތެރިކަމަށްޓަކައި އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ.
މީގެ އިތުރުން، ޞިއްޙީ ދާއިރާގެ އިސް ސަފުގައި އަންހެނުން އަދާކުރާ ދައުރުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުވާލެއްވިއެވެ. އެކަމަނާ ވިދާޅުވީ، އަންހެނުން އިސް ސަފުގައި ތިބުމުން ޞިއްޙީ ނިޒާމުތައް އިތުރަށް ހަރުދަނާވެ، އެންމެން ޝާމިލުވާ އަދި މުޖުތަމަޢުގެ ބޭނުންތަކަށް އިޖާބަދޭ ނިޒާމަކަށް ޞިއްޙީ ނިޒާމު ބަދަލުވެގެންދާ ކަމަށެވެ. އެހެންކަމުން ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި، އެ ދާއިރާގެ އިސް ސަފުގައި މަސައްކަތްކުރާ އަންހެނުންނަށް އެއްބާރުލުން ދިނުމަކީ ނުހަނު މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"އެވިޑެންސް، އެމްޕަވަރމަންޓް އެންޑް އެޑިއުކޭޝަން: ލީޑިންގ ދަ ފިއުޗަރ އޮފް ހެލްތްކެއަރ ފޯރ ސަސްޓެއިނަބަލް އިމްޕެކްޓް" މި ޝިޢާރުގެ ދަށުން ބާއްވާ މި ކޮންފަރެންސް ކުރިއަށްދާނީ މި ޖުލައި މަހުގެ 7 އިން 9 ގެ ނިޔަލަށެވެ.
މި ބައިނަލްއަޤްވާމީ ކޮންފަރެންސްގެ މަޤްޞަދަކީ ޞިއްޙީ ދާއިރާގެ ފަންނީ މާހިރުންގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކޮށް، ދާއިރާ އިތުރަށް ހަރުދަނާކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!