ރަޝިއާގެ މޮސްކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ އެކްސްޓްރީމް ވޯޓާ-ސްޕޯޓްސް ފެސްޓިވަލް "ހައިޑްރޯފެސްޓް 2026" ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ހދ. ވައިކަރަދޫއަށް އުފަން ހުނަރުވެރި އެތުލީޓް އިބްރާހިމް ނާއިފް (ވައިރޮދި ނާއްޕެ) އަށް ލިބިއްޖެއެވެ.
މި މަހުގެ 10 އިން 11 އަށް ރަޝިއާގެ މޮސްކޯގައި ހުންނަ އިޒްމައިލޯވްސްކީ ޕާކުގެ ކްރޫގްލީ ޕްރޫޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލަކީ ދުނިޔޭގެ ފެންވަރުގެ އެތުލީޓުން ވާދަކުރާ ބޮޑު ހަރަކާތެކެވެ.
މޯލްޑިވްސް ހައިޑްރޯ ސްޕޯޓްސް އެސޯސިއޭޝަން (އެމްއެޗްއެސްއޭ) އިން ބުނާ ގޮތުގައި، މި މުބާރާތުގައި ފްލައިބޯޑް، ހޯވާބޯޑް، ޖެޓްޕެކް، އަދި ޖެޓް ސާފް ފަދަ އެކި ކެޓަގަރީތަކުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ފެނިގެންދާނެއެވެ.

ވައިކަރަދޫ ނާއްޕެއަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ އުންމީދީ އެއް ފްލައިބޯޑް އެތުލީޓެވެ. ރިސޯޓެއްގައި ވަޒީފާ އަދާކުރަމުން އަންނަ ނާއްޕެއަކީ އޭނާގެ އާދަޔާޚިލާފު ހުނަރުތަކުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ފަރާތެކެވެ. އޭނާ ދައްކާލާ އުކުޅުތަކުގެ ތެރޭގައި "ޓްރިޕަލް ބެކްފްލިޕް"، "އިންފިނިޓީ"، އަދި "ޔުނިވާސަލް މޫވް" ފަދަ އުނދަގޫ ހަރަކާތްތައް ހިމެނެއެވެ. މި މުބާރާތުގައި ނާއްޕެއާއެކު ރާއްޖޭގެ ތަޖުރިބާކާރު ފްލައިބޯޑަރު ހުސައިން އިއްބަޑޭވެސް ބައިވެރިވާނެއެވެ.

ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް ނާއްޕެ ވާދަކުރާއިރު، މިއީ ރާއްޖޭގެ ވޯޓާ ސްޕޯޓްސް ދާއިރާ ބައިނަލްއަޤުވާމީ ފެންވަރުގައި އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ. މިފަދަ ބޮޑު މުބާރާތަކުން ނާއްޕެއަށް ދައުވަތު ލިބުމަކީ އޭނާގެ ބުރަ މަސައްކަތާއި ކުޅިވަރަށް އޮތް ލޯބި ހާމަކޮށްދޭ ކަމެކެވެ. މިއީ ރާއްޖޭގެ ޒުވާން އެތުލީޓުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެކެވެ.

ނާއްޕެގެ މި ދަތުރަކީ ހަމައެކަނި އޭނާގެ އަމިއްލަ ކުރިއެރުމެއް ނޫނެވެ. މިއީ މުޅި ރާއްޖެއަށް ލިބޭ ފަޚުރެކެވެ. ރަޝިއާގެ މޮސްކޯގައި ދިވެހި ދިދަ އުފުލާލައި، ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ދުނިޔެއަށް ދައްކާލުމަށް ނާއްޕެ މިވަނީ ތައްޔާރުވެފައެވެ.
މިއީ ރާއްޖޭގެ ފްލައިބޯޑިންގް ތާރީޚުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!