ހުޅުމާލޭ ފޭސް 1 ގެ 110 ވަނަ ފްލެޓްގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 2 ވަނަ ދުވަހުގެ ދަންވަރު 01:07 އެހައިކަންހާއިރުއެވެ.

Ad
rt

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް މި މައުލޫމާތު ލިބުނީ ރޭ 01:10 ހާއިރު ކަމަށެވެ. ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ 01:23 ހާއިރުއެވެ. މި މަސައްކަތުގައި ފުލުހުންނާއި އާންމު ރައްޔިތުންގެ އެހީތެރިކަންވެސް ލިބިފައިވާކަން ފުލުހުން ފާހަގަކުރެއެވެ.

މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އަލިފާނުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންނާއި ތިން ބޮޑު މީހުން ހިމެނެއެވެ. މިހާރުވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ ދެ ފިރިހެނަކަށެވެ. އެއީ އަތް ފިހިގެން ފަރުވާ ހޯދަމުންދާ މީހަކާއި، ދުމުގެ އަސަރުކޮށްގެން ނޭވާލާން އުނދަގޫވި މީހެކެވެ.

އަލިފާނުގެ މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި އެހެނިހެން ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދަނީ ކުރަމުންނެވެ.

ފުލުހުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.