ހއ. ދިއްދޫ ކުރިމަގު ޖަމިއްޔާ އާއި ހައިވް ޑިޖިޓަލް އިނޮވޭޝަން އެންޑް ރެޒިލިއަންސް ސެންޓަރު ގުޅިގެން، ރަށު ތަރައްގީގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ (ޑަބްލިއުޑީސީ) ދައުރާ ގުޅޭގޮތުން ހާއްސަ ވެބިނާއެއް ބޭއްވުމަށް ނިންމައިފިއެވެ.

"ދަ ރޯލް އޮފް ޑަބްލިއުޑީސީސް އިން އައިލެންޑް ޑިވެލޮޕްމަންޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ވެބިނާއަކީ ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސެޝަނެކެވެ. މިއީ ކުރިމަގު ޖަމިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ ދެވަނަ ޕްރޮގްރާމެވެ.

Ad
rt

މި ސެޝަން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައެވެ. މި ސެޝަންގައި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކުގައާއި އިޖުތިމާއީ ކަންކަމުގައި އަންހެނުންގެ ކޮމެޓީތަކުން އަދާކުރެވިދާނެ މުހިންމު ދައުރުތަކާ ގުޅޭގޮތުން މަޝްވަރާކޮށް މައުލޫމާތު ފޯރުކޮށްދޭނެއެވެ.

ކުރިމަގު ޖަމިއްޔާއިން ބުނިގޮތުގައި މި ވެބިނާއަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މާލީ އެހީތެރިކަމާއެކު، ދަ އޭޝިއާ ފައުންޑޭޝަނުން ކުރިއަށްގެންދާ "ސްޓްރެންތެނިންގ މޯލްޑިވިއަން ސިވިލް ސޮސައިޓީ" މަޝްރޫއުގެ ދަށުން ބާއްވާ ހަރަކާތެކެވެ.

މި ސެޝަންގެ ސަބަބުން ރަށު ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ، ކޮމެޓީތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ލިބިގެންދާނެ ކަމަށް ކުރިމަގު ޖަމިއްޔާއިން އުންމީދު ކުރެއެވެ.