މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ "އެމްއެމްއޭ ސްކޮލަރޝިޕް 2026" އަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ޖުލައި 15، 2026 ގެ ނިޔަލަށް އެ އޮތޯރިޓީން އިތުރުކޮށްފިއެވެ.

މިއީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ.

Ad
rt

މި ސްކޮލަރޝިޕް ޕްރޮގްރާމަކީ މެލޭޝިޔާގެ ކަނޑައެޅިފައިވާ ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ދިވެހިންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މިއަހަރުގެ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހަމަޖެހިފައިވާ މުހިންމު ދާއިރާތަކުގެ ތެރޭގައި އެކައުންޓިންގ ދާއިރާއިން ފުރަތަމަ ޑިގްރީ (އޮނަރސް)، ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ، އިޤްތިޞާދީ ދާއިރާއިން މާސްޓަރސް ޑިގްރީ، އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ޕީ.އެޗް.ޑީ ހިމެނެއެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި ސްކޮލަރޝިޕްތަކަށް މީހުން ހޮވުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ އެ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވާ މިންވަރަށެވެ. އަދި ސްކޮލަރޝިޕް ކަށަވަރުވާނީ ކަނޑައެޅިފައިވާ ޔުނިވަރސިޓީތަކުން އެޑްމިޝަން ލިބުމުން ކަމަށްވެސް އެ އޮތޯރިޓީން މަޢުލޫމާތުދެއެވެ.

މި ފުރުޞަތަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އެމްއެމްއޭއިން ވަނީ ސުންގަޑި ހަމަވުމުގެ ކުރިން ވީހާވެސް ގިނަ ފަރާތްތަކުން މި ފުރުޞަތުގެ ބޭނުން ހިފުމަށް އިލްތިމާސްކޮށްފައެވެ.