ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރޭގައި އިންސާނުންގެ ދައުރު މިހާރަށްވުރެ މަދުކުރުމުން، ކޮރަޕްޝަނާއި ވައްކަމުގެ ފުރުޞަތުތައް ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ޝުޖާޢު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގައި އޮތް ކޮރަޕްޝަނާއި ފަސާދަ ނައްތާލުން ކަމަށެވެ. އަދި އެކަން ހާސިލުކުރެވޭނީ މިފަދަ ބިލުތަކަށް ޤާނޫނީ ބާރުވެރިކަން ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
d

ޝުޖާޢު އިތުރަށް ވިދާޅުވީ، މީގެ ކުރިން ބައެއް އިސްވެރިންގެ ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާގެ އަދަދުތައް އެނގުނީ ފުލުހުންގެ ތެރެއިން ލީކުވި ސްޓޭޓްމަންޓްތަކުން ކަމަށާއި، އެއީ އޭރު ޤާނޫނީ ރައްކާތެރިކަން ނެތުމުން ދިމާވި ކަންކަން ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަންތަކުގައި އައިޖީއެމްއެޗް ފަދަ މުއައްސަސާތަކުން ރައްޔިތުންގެ ޒާތީ މަޢުލޫމާތު ލީކުވަމުން ދިޔަކަމަށާއި، ނަމަވެސް އަލަށް ހުށަހެޅިފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއި ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލާއެކު މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެ ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޝުޖާޢު ވިދާޅުވީ، މުޅި ދުނިޔެ ސްމާޓްފޯނަކަށް ބަދަލުވަމުންދާއިރު ދިވެހިން ކަރުދާހުގެ ތެރޭގައި ތަތްވެފައި ތިބެގެން ނުވާނެ ކަމަށެވެ. ޚާއްޞަކޮށް ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް އިންޓަރނެޓްގެ ޚިދުމަތް ދީ، ތަޢުލީމީ ނިޒާމު ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުވަމުންދާކަން އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު މާލެ ސިޓީ ކައުންސިލް ޑިޖިޓަލްކޮށް، "މާވެހި" ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތައް ފަސޭހަކޮށްދެއްވި ގޮތުގެ މިސާލު ޝުޖާޢު ދެއްކެވިއެވެ.

"މިއަދު އަޅުގަނޑުމެންގެ ދަރިއަކު ހޮސްޕިޓަލުން ވިހައިގެން ބޭރަށް ނުނިކުމެ އުޅެނިކޮށް ފޯނަށް އުފަންދުވަހުގެ ސެޓްފިކެޓް ލިބޭނެ މަގު މިވަނީ ފަހިވެފައި،" ޝުޖާޢު ވިދާޅުވިއެވެ.

Ad
df

ޝުޖާޢު އިތުރަށް ވިދާޅުވީ، މާދަމާގެ މުސްތަޤުބަލަށްޓަކައި މުޅި މުޖުތަމަޢު ޑިޖިޓަލް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، މި ބަދަލުތަކާއެކު ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އަވަސްވެ، ދެފުށް ފެންނަ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށެވެ.