މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށާއި، އަމާޒަކީ ކަޅުބިލަ މަސް ގަންނަ އަގު ކިލޯއެއް 20 ރުފިޔާގައި ހިފެހެއްޓުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށްގެން ގެނެސްދިން މި އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މުޅި މަސްވެރިކަމުގެ ސިނާއަތް އަލުން ނަގާ ކޮޅަށް ޖެހުމަށް ކަމަށެވެ. މި ސަރުކާރާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައިކަމަށާއި، ނަމަވެސް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަހުގެ އަގު ކަނޑައެޅުމުގައި ގެންގުޅޭ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަހުގެ އަގު ފްލޯޓްކޮށްލައި މާކެޓްގައި އެދުވަހަކު ލިބޭ އެންމެ ރަނގަޅު އަގު ދިނުމުގެ ސިޔާސަތުގެ ސަބަބުން ރަނގަޅު ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ.

"16 ރުފިޔާއިން ފެށި މިހާރު 20 ރުފިޔާއާ ހަމައަށް އެއީ އެދުވަހުގެ އެންމެ ރަނގަޅު އަގު. ކުރިއަށް އޮތް ތަނުގައިވެސް އަމާޒަކީ މަހުގެ އަގު 20 ރުފިޔާއަށް ވުރެ ދަށްނުވާނެ ގޮތަކަށް ހިފެހެއްޓުން،" ރައީސް ވިދާޅުވިއެވެ.

މަހަށް ހަމަ އަގު ހޯދައިދިނުމަށްޓަކައި މަސް ރައްކާކުރެވޭނެ ނިޒާމުތަކާއި ވެލިއު އެޑް ކުރެވޭނެ ގޮތްތައް ގާއިމުކުރުން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ލިބޭނެ ގޮތްތަކާއި ކޯލްޑް ސްޓޯރޭޖްތައް ގާއިމުކުރުމުގެ މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ދައުރުގެ ތެރޭގައި ރާއްޖޭގައި މަސް ރައްކާކުރާ ކެޕޭސިޓީ ކުރިން ހުރި ވަރަށްވުރެ ދެގުނައަށް ބޮޑުވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން މަސްވެރިންނަށް އެންމެ ހެޔޮ އަގު ލިބި، ކޮލެޓީގައި މަސް ރައްކާކޮށް ބޭރުގެ މާކެޓްތަކަށް ވެލިއު އެޑްކޮށްގެން ފޮނުވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.