ވޯލްޑް ކަޕް ގްރޫޕް ޑީގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި، އަނގަ ނިވާކޮށްގެން ހުރެ ވާހަކަ ދެއްކުމުގެ ސަބަބުން ޕެރަގުއޭގެ މިޑްފީލްޑަރު މިގޭލް އަލްމިރޯންއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފިއެވެ.
މިއީ މިފަހަރުގެ ވޯލްޑް ކަޕަށް އަލަށް ތައާރަފްކުރި ގަވާއިދެއްގެ ދަށުން މިފަދަ ކަމަކަށް ރަތް ކާޑު ދެއްކި ފުރަތަމަ ފަހަރެވެ.
މި ހާދިސާ ހިނގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ދަނޑުގެ މެދުތެރެއިން ހިނގި ފައުލަކާ ގުޅިގެން އަލްމިރޯން އާއި ތުރުކީގެ މާޓް މުލްޑާ އާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނުއިރު، އަލްމިރޯން ވާހަކަ ދެއްކީ އަތުން އަނގަ ނިވާކޮށްގެން ހުރެއެވެ. މުލްޑާ ވަގުތުން ރެފްރީ އިވާން ބާޓަންއަށް މިކަން ފާހަގަކޮށް ޝަކުވާ ހުށަހެޅިއެވެ. ރެފްރީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (VAR) ބެލުމަށްފަހު ނިންމީ އަލްމިރޯންއަށް ރަތް ކާޑު ދެއްކުމަށެވެ.
"ގަވާއިދު ބުނާގޮތުން އަނގަ ނިވާކޮށްފިނަމަ އެއީ ރަތް ކާޑެއް. އެކަމުގައި އަހަރެންނަށް ކުރެވޭނެ ކަމެއް ނެތް،" މި ގަވާއިދާ ގުޅޭގޮތުން ޕެރަގުއޭގެ ކޯޗު ގުސްޓާވޯ އަލްފާރޯ ބުނީެފަވެއެވެ.
މި ގަވާއިދަކީ މާ ހަރުކަށި ގަވާއިދެއް ކަމަށް ގަބޫލުކުރާ ކަމަށާއި، މީގެ ސަބަބުން ފުޓްބޯޅައިގެ އަސްލު ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް އޭނާ ބުނެފަވެއެވެ.
މި ހަރުކަށި ގަވާއިދަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ބާރުއެޅުއްވުމުގެ މަތިން ތައާރަފްކުރި ގަވާއިދެކެވެ. މިއީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ބެންފީކާގެ ކުޅުންތެރިއަކު ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާއަށް ބަހުގެ ހަމަލާދިންއިރު އަނގަ ނިވާކޮށްގެން ހުރި ހާދިސާއަކަށް ފަހު ގެނައި ބަދަލެކެވެ.
އަލްމިރޯންއަށް ދެއްކި ރަތް ކާޑުގެ ސަބަބުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮސްޓްރޭލިއާއާ ދެކޮޅަށް އޭނާއަށް ނުކުޅެވޭނެއެވެ. އަދި ފީފާއިން މި ސަސްޕެންޝަން އިތުރުކުރުމުގެ ފުރުސަތުވެސް އެބައޮތެވެ. މިއީ މިފަހަރުގެ މުބާރާތުގައި އަލްމިރޯންއަށް އާ ގަވާއިދެއްގެ ދަށުން އަދަބު ލިބުނު ދެވަނަ ފަހަރެވެ. ފުރަތަމަ މެޗުގައި އޭނާއަށް ވަނީ ޑައިވް ކުރުމުގެ ސަބަބުން ރީނދޫ ކާޑެއް ދައްކާފައެވެ.
މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅުނު ނަމަވެސް، ޕެރަގުއޭއިން ވަނީ 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. ކޯޗު ބުނިގޮތުގައި އަލްމިރޯން ވަނީ އޭނާގެ އަމަލުގެ ސަބަބުން ޓީމަށް ދިމާވި ދަތިތަކަށް މައާފަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!