މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް، ގދ. ފިޔޯރީ އާއި ފ. ފީއަލީގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ވޯޓުލުމަށް ބުރޫއަރައިފިއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން މިދެ ރަށުގައި ވޯޓުލުން މެދުކަނޑާލަން ޖެހުނުއިރު، ވޯޓުފޮށިތަކަށް ވެސް ވަނީ ގެއްލުންދީފައެވެ.

Ad
rt

ގދ. ފިޔޯރީގައި ހަމަނުޖެހުން އުފެދުނީ މާލޭގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހަކު އެ ރަށުގައި ހުރި ފޮއްޓަށް ވޯޓުލާން އުޅުމުންނާއި، ވޯޓުލާން ދިޔަ ބައެއް މީހުންގެ ނަން ލިސްޓުގައި ނެތުމުން އުފެދުނު ހިތްހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ. މި ހަމަނުޖެހުމުގެ ތެރޭގައި އެ ރަށުގެ ވޯޓުފޮށި ވަނީ ފަޅާލާފައެވެ. ނަމަވެސް، މިހާރު އެ ރަށުގައި އަލުން ވޯޓުލާން ފަށާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފ. ފީއަލީގައި ހަމަނުޖެހުން އުފެދުނީ ކެންޑިޑޭޓުންގެ މަންދޫބުންނާ ގުޅޭގޮތުންނާއި ވޯޓާސް ލިސްޓުގެ މައްސަލައެއްގައެވެ. ކެންޑިޑޭޓު މީކާއިލް ނަސީމްގެ ފަރާތުން ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ، ފީއަލީގައި ގެންގުޅޭ ލިސްޓާއި ޕާޓީން އާންމުކޮށްފައިވާ ލިސްޓާ ދިމާނުވާ ކަމަށެވެ. މި މައްސަލައިގައި އެ ރަށުގެ ވޯޓުލުން މެދުކަނޑާލައި، ވޯޓުފޮށި ވަނީ ޕާޓީގެ ހަރުގެއަށް ގެންގޮސްފައެވެ.

މި އިންތިހާބަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ސްރީލަންކާގައި ވެސް ކުރިއަށްދާ އިންތިހާބެކެވެ. ޖުމްލަ 241 ވޯޓުފޮށި ބަހައްޓާފައިވާ މި އިންތިހާބުގެ ވޯޓުލުން މިރޭ 8:30 އާ ހަމައަށް ކުރިއަށްދާނެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އިބްރާހީމް މުހައްމަދު (ވާޑު) ގެ އިތުރުން މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.