އެމެރިކާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ޗާޖް ޑި އެފެއާޒް، މިސްޓަރ ޖޭސަން މީކްސް، މިއަދު އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒަށް ހާޒިރުކޮށްފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ ނެރުނު ބަޔާނެއްގައި ބުނީ އޭނާ ހާޒިރުކުރީ ގަލްފް އޮފް އޯމާންގައި އިންޑިއާގެ ފަޅުވެރިން ތިބި ވިޔަފާރި އުޅަނދުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން މެދުނުކެނޑި ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ. އަދި އިންޑިއާ ސަރުކާރުން ވަނީ އެމެރިކާ އަށް ވަރުގަދަ އިހުތިޖާޖެއް ހުށަހަޅާފައިކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި ހަމަލާތަކުގެ ސަބަބުން މިހާތަނަށް އިންޑިއާގެ ތިން ރައްޔިތެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
އާންމު ވިޔަފާރި އުޅަނދުތަކާ ދެކޮޅަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ދޭ ހަމަލާތަކާ މެދު އިންޑިއާގެ މިނިސްޓްރީން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
"މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން،" މިނިސްޓްރީން ބުނެފައިވެއެވެ.
އަދި މިއީ ބައިނަލްއަގުވާމީ ކަނޑުގެ ވިޔަފާރީގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ހުރަހެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އިންޑިއާ ސަރުކާރުން ވަނީ މި ކަންބޮޑުވުންތައް އެމެރިކާގެ ކަމާބެހޭ އިސް ފަރާތްތަކަށް އެންގުމަށް ޗާޖް ޑި އެފެއާޒްގެ ކިބައިން އެދިފައެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިން، އާންމުންގެ ފުރާނަ ގެއްލުން ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!