ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ކުރިމަތިލި 1,785 ދިވެހި ޒުވާނުންގެ ތެރެއިން ފުރަތަމަ 352 ބައިވެރިން ތަމްރީނަށް ފުރައިފިއެވެ.
މިކަން ހާމަކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ، މިއީ ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ ތިންވަނަ ބެޗު ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައެވެ. ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުތަކުގައި ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، އަޚްލާޤާއި ސުލޫކުގެ އިތުރުން ލީޑަރޝިޕް އަދި ހަށިހެޔޮކަމުގެ ދާއިރާތަކުން ބައިވެރިން ތަމްރީނު ކުރާނެކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. އަދި މީގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން މި ޒުވާނުންނަށް މަޢުލޫމާތާއި ހުނަރު ފޯރުކޮށްދެވޭނެކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ.
ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ ތިންވަނަ ބެޗުގައި ރާއްޖޭގެ 20 އަތޮޅަކުން 115 ރަށަކަށް ނިޞްބަތްވާ ޒުވާނުން ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ 64 އަންހެން ބައިވެރިންނާއި 288 ފިރިހެން ބައިވެރިންނެވެ. ރައީސް މުޢިއްޒު ވަނީ މި ހުރިހާ ބައިވެރިންނަށްވެސް ސާބިތުކަމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ރައީސް މުޢިއްޒު ވިދާޅުވެފައިވާގޮތުގައި ސަރުކާރުން ހާމަކުރައްވާ ގޮތުގައި، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަކީ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދެވެ. މި ޙަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ޒުވާނުން ބިނާކުރުމާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅުއްވާ އެންމެ މުހިންމު އެއް ސިޔާސަތެވެ.
ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ 2024 ވަނަ އަހަރުގެ ނަސްރުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ޢިއުލާންކުރަށްވަމުން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މި ޕްރޮގްރާމުގެ ސަބަބުން ތަމްރީނު ލިބިފައިވާ، އަޚްލާޤު ރަނގަޅު، ޤައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!