ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗުތަކުގެ ތެރެއިން ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަން ދިއްދޫ ކުޅޭ މެޗުތަކުގައި ވީހާވެސް ގިނަ ސަޕޯޓަރުން ގަލޮޅު ދަނޑަށް ގޮސް ސަޕޯޓްކޮށްދިނުމަށް އެޓީމުން އިލްތިމާސްކޮށްފިއެވެ.
ދިއްދޫ ޓީމުން ބުނިގޮތުގައި ''ދިވެހި ޕްރިމިއަރ ލީގު 2026/27" އަށް ކޮލިފައިވުމަށްޓަކައި އެޓީމުން ކުރަމުންދާ މުހިންމު ދަތުރުގައި، ސަޕޯޓަރުންނާއި ހެޔޮއެދޭ އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި ސަޕޯޓް އެ ޓީމަށް އިންތިހާއަށް ބޭނުންވެއެވެ.
''މިއީ އަޅުގަނޑުމެންގެ ރަށުގެ ފުޓްބޯޅަ އައު އުސްމިންތަކަކަށް ގެންދިއުމަށް ލިބޭ ރަން ފުރުސަތެކެވެ. އެހެންކަމުން، މާލޭގައި ދިރިއުޅުއްވާ ދިއްދޫގެ ހުރިހާ ރައްޔިތުންނާއި، ޓީމަށް ސަޕޯޓްކުރާ އެންމެހައި ފަރާތްތަކުން ގަލޮޅު ދަނޑަށް ވަޑައިގެން ދިއްދޫ ފުޓްބޯޅަ ޓީމަށް ސަޕޯޓްކޮށްދެއްވުމަކީ ޓީމްގެ ވަރަށް ބޮޑު އެދުމެކެވެ.'' ދިއްދޫ ޓީމުން ބުނެފަވެއެވެ.
ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފްގައި ދިއްދޫގެ ފުރަތަމަ މެޗު މިރޭ ކުޅޭނެއެވެ. 21:00 ގައި ފަށާ މި މެޗުގައި ދިއްދޫ ނުކުންނާނީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫއާއި ދެކޮޅަށެވެ.
ދިއްދޫގެ ދެވަނަ މެޗު ކުޅޭނީ ޖޫން 13 ވަނަ ދުވަހު މި ސީޒަންގެ ޕްރިމިއާ ލީގުގެ އަށް ވަނަ ޓީމު ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. ދިއްދޫގެ ތިން ވަނަ މެޗު އޮންނާނީ ޖޫން 16 ގައެވެ. އެ މެޗުގައި ދިއްދޫ ނުކުންނާނީ ސެންޓްރަލް ލީގު ޗެމްޕިއަން ކ. ހުރައާއި ދެކޮޅަށެވެ.
20 ޖޫންގައި ދިއްދޫ ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއެވެ. އަދި ޕްލޭ އޮފްގައި ދިއްދޫގެ ފަހު މެޗުގައި ނުކުންނާނީ 24 ޖޫންގައި ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ދިއްދޫއަކީ އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅުނު ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ ޗެމްޕިއަން ޓީމެވެ. ދިއްދޫ އިން ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން 1ގެ ރަނަރަޕްގެ މަގާމު ހޯދާފައިވާއިރު އެ ޓީމު ވަނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. ދިއްދޫ ނޯތު ރީޖަނަލްގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަކާއެކުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!