އެކަމެއްގެ ބޮޑުމިނަށްވުރެ މުހިންމީ އެކަމެއްގެ ފެންވަރާއި އެކަމެއްގައި ހިމެނޭ އިޚްލާޞްތެރިކަންކަމަށް އަދާލަތު ޕާޓީގެ ރައީސް އައްސައިޚް މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝައިޚް ޝިފާން މިފަދައިން ވިދާޅުވެފައި ވަނީ ސިޔާސީ މަސައްކަތްތަކުގައި ކޯލިޝަން ހެދުމަކީ ކޭކެއްގައި "އައިސިން" ޖަހާލުން ފަދަ ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް، އެ ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ.

Ad
rt

ޝައިޚްގެ ޕޯސްޓްގައި ވިދާޅުވީ، ކޭކެއްގެ މަތީގައި ފަތުރާލެވިފައިވާ އައިސިންގ ފަށަލައަކީ ކޭކު ރީތިކޮށް އަދި އަގު ބޮޑުވެސް ކޮށްލަދޭ ވަރަށް ބޭނުންތެރި ފަށަލައެއް ކަމަށެވެ. އަދި އެ ފަށަލަ ނައްތާލުމުން ބާކީ އޮންނަ ބަޔަކީ އެއްވެސް ރަހައެއް ނެތް، ހިކިފައިވާ އަދި ފަސޭހައިން ކުނޑިވެގެންދާ އެއްޗަކަށް ވާނަމަ، އެ ކެއުމަށް ޝައުގުވެރިވާނެ ބަޔަކު ވަރަށް މަދުވާނެ ކަމަށްވެސް ޝައިޚް ފާހަގަކުރެއްވިއެވެ.

"ކޭކެއްގެ ހަގީގީ އަގު ބިނާވެފައިވަނީ އޭގެ ބޮޑުމިނަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ކާލަން ބޭނުންވާ ފަދަ މީރު އަދި ޝައުގުވެރި އެއްޗަކަށް ވުމަކީ އޭގެ އަސްލު އަގު ވަޒަންކުރެވޭ މިންގަނޑެވެ." ޝަައިޚް ވިދާޅުވެފަވެއެވެ.

ޝައިޚް ޝިފާންގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އިންސާނުން ކުރާ ކަންތައްތަކުގައިވެސް އެކަމެއްގެ ބޮޑުމިނަށްވުރެ މުހިންމީ އެކަމެއްގެ ފެންވަރާއި އެކަމެއްގައި ހިމެނޭ އިޚްލާޞްތެރިކަން ކަމަށެވެ.

ޝައިޚް މި މޭރުމުން ރައްދުދެއްވާފައިވާއިރު، އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ދެ ސަރުކާރު ގެނައުމުގައި ވެސް ކޯލިޝަން ބައިވެރިއެއްގެ ގޮތުން އިސް ދައުރެއް އަދާކުރި ޕާޓީއެކެވެ. އެއިގެ ތެރެއިން ނަޝީދުގެ ވެރިކަން ފެށި ކުޑަދުވަސްކޮޅެއްތެރޭ ކޯލިޝަން ރޫޅާލިނަމަވެސް، އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ދައުރު ނިމެންދެން އަދާލަތު ހިމެނޭހެން ވަނީ ކޯލިޝަން ދަމަހައްޓާފައެވެ. މިގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި އަދާލަތު ފެނުނީ އިތުބާރުކުރެވޭ ބައިވެރިއެއްގެ ގޮތުގައެވެ. އެ ވެރިކަމުގެ ހޯމް މިނިސްޓަރުކަން އަދާލަތުގެ އެއިރުގެ ރައީސް ޝައިޚް އިމްރާން ޢަބުދުﷲ ފުރުއްވާފައިވާއިރު، އިސްލާމިކް މިނިސްޓަރުކަން ކުރެއްވީ އަދާލަތުގެ ޝައިޚް އަހްމަދު ޒާހިރެވެ. އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަކަށް ވެސް ހުންނެވީ އަދާލަތުގެ އެއް ނައިބު ޝައިޚް ޢަލީ ޒާހިރެވެ. މިނޫން ވެސް އެ ސަރުކާރުގެ މުހިންމު މަގާމުތައް އަދާލަތުގެ ބޭފުޅުން ވަނީ ފުރުއްވާފައެވެ.