ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމުގެ އިތުރުން މުރަކަ އާލާކުރުމަށް ދުރާލައި ރޭވިފައިވާ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސ މުޢިއްޒުގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ކަނޑުތަކުގެ ދުވަހުން އަންގައިދެނީ ދިރުންތަކަށާއި ދުނިޔޭގެ މުސްތަޤުބަލަށް ދުޅަހެޔޮ ކަނޑުތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗެއް ކަމެވެ. މި ގުޅުމަކީ ދިވެހި ރައްޔިތުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމެއްކަމަށާއި، މިއީ ރާއްޖޭގެ އިޤްތިޞާދަށާއި، ކާނާގެ ރައްކާތެރިކަމަށާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަމަށް ސީދާ އަސަރުކުރާ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމާއި، ފަރުތަކުގެ ދުޅަހެޔޮކަން ބެލުމާއި، މުރަކަ އާލާކޮށް އިއާދަކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ހެކީގެ މައްޗަށް ބިނާވެފައިވާ ފިޔަވަޅުތައް އެޅުމުގެ ތެރެއިން، ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި ދުރާލައި ރޭވިފައިވާ މަސައްކަތްތަކެއް އަޅުގަނޑުމެން ދަނީ ކުރަމުންނެވެ." ކަނޑުތައް ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވެފަވެއެވެ.
މިއީ ރައްޔިތުންނާއި ތިމާވެށީގެ ލާބައަށްޓަކައި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކަނޑުތައް ހޫނުވުމާއި، މުރަކަ ހުދުވުމާއި، އަދި ރަށްގިރުމުގެ މައްސަލަތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މިހާރަށްވުރެ ބޮޑު އަވަސްމިނެއްގައި ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެންމެންގެ ދިރިއުޅުން ބިނާވެފައިވާ ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އާކުރުމަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!