ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ކެންޑިޑޭޓު އަޙްމަދު ސަޢީދަށް އެ ދާއިރާގެ ރައްޔިތުން ކުރެއްވި އިތުބާރާއި ދެއްވި ތާއީދަށްޓަކައި ޕީއެންސީން ޝުކުރު އަދާކޮށްފިއެވެ.

މިއަދު ބޭއްވުނު އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާ ގުޅޭގޮތުން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓު އަޙްމަދު ސަޢީދަށް ގިނަ އަދަދެއްގެ ވޯޓު ދެއްވައި، ޕާޓީއަށް އޮތް ތާއީދު ދައްކުވައިދެއްވީތީ ހިތަދޫ އުތުރު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

Ad
rt

މި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، އައްޑޫ ހިތަދޫގައި ބެހެއްޓި ފަސް ފޮށީގެ ތެރެއިން ތިން ފޮށްޓެއްގެ އަޣުލަބިއްޔަތު ސަޢީދު ވަނީ ހޯއްދަވާފައެވެ. އަދި މާލޭގައި ބެހެއްޓި ދެ ފޮށީގެ ތެރެއިން އެއް ފޮށީގެ އަޣުލަބިއްޔަތުވެސް ލިބިވަޑައިގަތީ ސަޢީދަށެވެ. މީގެ އިތުރުން، ހިތަދޫގައި ބެހެއްޓި ވޯޓުފޮށިތަކުގެ ޖުމްލަ އަޣުލަބިއްޔަތުވެސް ލިބިވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓަށެވެ.

ޕީއެންސީން ފާހަގަކުރި ގޮތުގައި، މި ކާމިޔާބީއަކީ އިދިކޮޅު ހުރިހާ ޕާޓީތަކެއް ގުޅިގެން މަސައްކަތް ކުރަމުންދިޔަ ދަނޑިވަޅެއްގައި، އެހެން އެއްވެސް ޕާޓީއެއްގެ ވާގިވެރިކަމެއް ނެތި ޕީއެންސީން އެކަނި ކުރި މަސައްކަތުން ހޯދުނު މުހިންމު ކާމިޔާބީއެކެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ ތާއީދު ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.

މި ބައި-އިލެކްޝަނަށް ތައްޔާރުވުމުގެ ގޮތުން ކެންޑިޑޭޓު އަޙްމަދު ސަޢީދާއި، އޭނާގެ ކެމްޕެއިން ޓީމުތަކުން ކުރެއްވި ބުރަ މަސައްކަތް ޕީއެންސީން ވަނީ ފާހަގަކޮށްފައެވެ. އަދި ޕާޓީގެ ލީޑަރޝިޕާއި އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކެންޑިޑޭޓަށް ތާއީދު ހޯއްދަވައިދެއްވުމަށް ކުރެއްވި އިޚްލާޞްތެރި މަސައްކަތްތަކަށްޓަކައި އެ ހުރިހާ ބޭފުޅުންނަށްވެސް ޕާޓީގެ ނަމުގައި ވަނީ ޝުކުރު އަދާކޮށްފައެވެ.

މި އިންތިޚާބުގައި ގޮނޑި ކާމިޔާބުކޮށްފައި ވަނީ 62 ވޯޓުގެ ތަފާތަކުން އެމްޑީޕީގެ ކެންޑިޑޭޓް އަބުދުﷲ ސޯދިގު (ސޯބެ) އެވެ.