އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޯން ކައިރީގައި އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި ހަތް މަހުގެ ފަލަސްތީނު ތުއްތު ކުއްޖާ، ސާމް ފަހުދު އަބޫ ހައިކަލް މިއަދު ވަޅުލައިފިއެވެ.
މި ހާދިސާގައި އެ ކުއްޖާގެ މައިންބަފައިން ވެސް ވަނީ ޒަޚަމްވެފައެވެ.
ހުކުރު ދުވަހު ހިނގި މި ހާދިސާގައި، ސާމް ޝަހީދުވީ އޭނާގެ އާއިލާއާއެކު ކާރުގައި ދަތުރުކުރަނިކޮށް އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައެވެ. ހުދު ފޮއްޗަކާއި ފަލަސްތީނުގެ ދިދައެއް އޮޅާލާފައިވާ އެ ކުއްޖާގެ ހަށިގަނޑު ވަޅުލާފައިވަނީ ހެބްރޯންގެ މިސްކިތެއްގައި ކަށުނަމާދު ކުރުމަށްފަހުގައެވެ.
ކުއްޖާގެ ބައްޕަ، ފަހުދު ބުނި ގޮތުގައި މިއީ އޮޅުމަކުން ހިނގި ކަމެއް ނޫނެވެ.
"އަހަރެމެންނަށް މި ދިމާވި ކަމަކީ މާފަށް އެދިގެން ނިމޭނެ ކަމެއް ނޫން. މިއީ އޮޅުމަކުން ބަޑިޖެހިގެން ހިނގި ހިތާމަވެރި ހާދިސާއެއް ނޫން. މި ހާދިސާގައި 'އޮޅުމަކުން' މި ބަސް ބޭނުންކުރެވޭނެ އެއްވެސް ޖާގައެއް ނެތް،" އޭނާ ބުންޏެވެ.
އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ ސިފައިން ބަޑިޖެހީ ބާރު ސްޕީޑުގައި އައި އުޅަނދެއް އެމީހުންނާ ދިމާލަށް އަންނަކަމަށް ހީކުރެވިގެން ކަމަށެވެ. އަދި މި ހާދިސާގައި ކަމާ ނުގުޅޭ އާންމުންނަށް އަނިޔާވިކަމަށް އިއުތިރާފުވެ، މައްސަލަ މުރާޖައާ ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ކުއްޖާގެ މާމަ ފިރްޔާލް ބުނި ގޮތުގައި، ހެބްރޯންގެ ދެކުނުގައި އޮންނަ ތެލް ރުމައިދާ ސަރަހައްދުން އިސްރާއީލު ސިފައިން ފެނުމާއެކު އެމީހުންގެ ކާރު މަޑުކުރިއެވެ. އެވަގުތު ސިފައިން ބަޑިޖެހުމުގެ ސަބަބުން ވަޒަން ކާރުގެ ތެރެއަށް ވަދެ، ކުއްޖާގެ ބޮލަށް އަރައި ވަނީ ޝަހީދުވެފައެވެ. އަދި ކުއްޖާގެ ބައްޕަގެ އަތަށާއި މަންމަގެ މޫނަށް ވެސް ވަޒަން އަރައި ޒަޚަމްވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
އިސްރާއީލު އަސްކަރިއްޔާއިން މިހާތަނަށް މި ހަމަލާދިން ސިފައިންގެ މީހާ ހާމަކޮށްފައެއް ނުވެއެވެ. އަދި ތަހުގީގު ކުރިއަށްދާއިރު އެ ސިފައިންގެ މީހާ މަގާމުން އެކަހެރިކޮށްފައިވާ ކަމެއް ނުވަތަ ނޫންކަމެއް ވެސް ސާފެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!